މީހުން

މަސްދަޅުގައި ހިނގި ކުއްޖާގެ ފަޔަށް އާ ދިރުމެއް!

އުމުރުން އަށް އަހަރުގެ މި އަންހެން ކުއްޖާ އުފަންވީ ފައިނެތް ނުކުޅެދުންތެރި ކުއްޖެއްގެ ގޮތުގަ އެވެ. މިހެންވީ ބަނޑުގައި މި ކުއްޖާ އޮތްއިރު ދިމާވި ވަރަށް އާންމު ނޫން ބައްޔެއްގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް ފުރިހަމައަށް ނުއުފެދުމުގެ ސަބަބުންނެވެ.

މާޔާ މަރްހީ ކިޔާ މި ކުއްޖާއަކީ ސީރިޔާއަށް އުފަން ކުއްޖެކެވެ. މާޔާ ދިރިއުޅެމުން އައީ އޭނާގެ ބައްޕައާއެކު ސީރިޔާގެ ސިޓީއެއް ކަމަށްވާ އިޑްލީބްގެ ރެފިއުޖީ ކޭމްޕެއްގަ އެވެ. ސީރިޔާގައި ކުރަމުންދާ ދާހިލީ ހަނގުރާމައާއި ގުޅިގެން ދެބަފައިންނަށް މަޖުބޫރިވީ އުފަން ރަށް އެލިޕޯ އާއި އަމިއްލަ ގެދޮރު ދޫކޮށް ހިޖުރަ ކުރާށެވެ.

ދެ ފައި ނެތުމުގެ ސަބަބުން މާޔާ ހިނގާ އުޅުނީ ހޮޅިއާއި މަސްދަޅު ބޭނުންކޮށްގެން އޭނާގެ ބައްޕަ ތައްޔާރުކުރި ދެފައި ބޭނުން ކޮށްގެންނެވެ. މާޔާގެ ބައްޕަ، މުހައްމަދު މި ދެ ފައި ތައްޔާރުކުރީ ބިންމަތީގައި ހުންނަ ހަޑި އެއްޗެހިންނާއި ހޫނުން އޭނާ ސަލާމަތްކޮށް ދިނުމަށެވެ.

މާޔާގެ ބައްޕައަކީ ވެސް އުފަންވިއިރު ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. ބައްޕަ ތައްޔާރުކުރި މި ފަޔާއެކު ހިނގާވެ އުޅެވޭއިރު، ސުކޫލާ ތަންތަނަށް ދިއުމަށްވެސް އޭނާއަށް ފަސޭހަވި އެވެ.

ރެފިއުޖީ ކޭމްޕަށް ދިޔަތާ މާ ގިނަ ދުވަސްތަކެއް ނުވެ ދުނިޔޭގެ ނަޒަރު މާޔާ ހުއްޓުނެވެ. ސޯޝަލް މީޑިއާގައި މާޔާގެ ފޮޓޯތައް ވަރަށް ބާރަށް ދައުރުވަމުންދިޔަ އެވެ. މި ފޮޓޯ ފެނި ތުރުކީގެ ރެޑް ކްރެސެންޓުން މާޔާއަށް ހާއްސަ ސަމާލުކަމެއް ދިނެވެ. އަދި މާޔާއަށް ފަރުވާދިނުމަށް އެދެބަފައިން އިސްތަންބުލްއަށް ގެންދިޔަ އެވެ.

ތުރުކީގައި މާޔާއަށް ފަރުވާދެމުން އަންނަ ޑޮކްޓަރަކު މިހާރު ވަނީ އޭނާ އާ އުންމީދެއް ހޯދާދީފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭނުން ކުރަމުން އައި ބައްޕަ ތައްޔާރުކުރި ފައިގެ ބަދަލުގައި "ޕްރޮސްތެޓިކް ލިމްބުސް" ނުވަތަ އަސްލު ޕްލާސްޓިކު ފައެއް އޭނާއަށް ވަނީ ހޯދާދީފަ އެވެ. މާޔާގެ ހުރިހާ ފަރުވާއެއް މި ޑޮކްޓަރު ކޮށްދިނީ ހިލޭ އެވެ.

"މާޔާ ހުރީ ވަރަށް އުފާވެފަ. އޭނާގެ ސިއްހީ ހާލަތުވެސް ވަރަށް ރަނގަޅު. އަދި ޕްލާސްޓިކް ފައި ބޭނުންކޮށް މިހާރު ހިނގަން އެ ދަސްކުރަނީ،" ތުރުކީގެ ޑޮކްޓަރު މެހްމަތު ޒެކީ ކުލްކޫ ބުންޏެވެ. ޑޮކްޓަރު ބުނީ މާޔާއަށް މި ފަޔަށް އާދަވެ ފަސޭހަކަމާއެކު ހިނގާ އުޅުމަށް ތިން ވަރަކަށް މަސް ނަގާނެ ކަމަށެވެ.

މާޔާގެ ބައްޕަ ތައްޔާރުކުރި ފައިގެ ސަބަބުން އޭނާއަށް ގިނަ ފައިދާތަކެއް ލިބިފައި ހުރިކަމަށްވެސް ޑޮކްޓަރު ފާހަގަކުރި އެވެ. ޑޮކްޓަރު ބުނީ އެ ފައިގެ ސަބަބުން މާޔާއަށް ހިނގަން ދަސްވެފައި ހުރުމަކީ ވަރަށް ބޮޑު ފައިދާއެއް ކަމަށާއި އަަދި މި ޕްލާސްޓިކް ފައި ބޭނުންކުރުމަށް އެކަމުގެ ސަބަބުން އޭނާއަށް ފަސޭހަވެގެންދާނެ ކަމަށެވެ.

"އެއްވެސް ބައެއްގެ އެހީއެއް ނެތި، މާޔާގެ ބައްޕަ މާޔާ އުފުލަމުން އައި ތަކުލީފު ލުއިކޮށްދިނުމަށް އުއްމީދެއް ހޯދާދިނީ. މިއަދު ހެއްދެވި ފަރާތުގެ އިރާދަޔާއަކު އެދެބަފައިންނަށް އާ ދިރުމެއް ލިބެގެން އެ ދިޔައީ." ޑޮކްޓަރު ބުންޏެވެ.

ސީރިޔާގައި ދާހިލީ ހަނގުރާމަ ފެށުނީއްސުރެ އެ ގައުމުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ލިބުމުގައި ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފަ އެވެ. ސަރުކާރު ހޮސްޕިޓަލުތަކުން ގިނަ ފަހަރަށް ހިދުމަތް ނުލިބޭއިރު، ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ މީހުންގެ މެޑިކަލް ކޭމްޕުތަކަށް އެ ގައުމުގެ ސިފައިން ދަނީ ވައިގެ މަގުން އެކި ފަހަރު މަތިން ހަމަލާތައް ދެމުންނެވެ.

ސީދާ އަދަދު ކަށަވަރު ނުވި ނަމަވެސް މިދިޔަ ހަތް އަހަރު ތެރޭގައި ސީރިޔާގައި މަރުވި މީހުންގެ އަދަދު އުޅެނީ 465،000 އަށްވުރެ މަތީގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިލިއަނަކަށްވުރެ ގިނަ މީހުންނަށް ވަނީ ތަފާތު އެކި ހާނިކަތައްވެފަ އެވެ. ސީރިޔާގެ އާބާދީގެ ދެ ބައި ކުޅަ އެއްބައި މީހުން - ގާތްގަނޑަކަށް 12 މިލިއަން މީހުން - މިހާރު ވަނީ އެ ގައުމު ދޫކޮށް ހިޖުރަކޮށްފަ އެވެ. ތުރުކީގައި އެކަނިވެސް އެ ގައުމުގެ 3.5 މިލިއަންއަށްވުރެ ގިނަ ރެފިއުޖީން އެބަ ތިއްބެވެ.