ހަބަރު

ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ ނުފެށިފައި

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ފެށުން ފަސްކޮށްފި އެވެ.

ޖަލްސާ ފެށުމަށް ތައާވަލް ކޮށްފައި އޮތީ ހެނދުނު 9:00 އަށެވެ. ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން މަޖިލީހަށް ވަޑައިނުގެންނެވުމުން ޖަލްސާ ފެށުން މިހާރު ވަނީ 11:30 އަށް ފަސްކޮށްފަ އެވެ.

ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސެންޓެވެ. އެހެންކަމުން މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނީ 85 މެންބަރުންގެ ތެރެއިން 21 މެންބަރުން ހާޒިރުވެގެނެވެ.

މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ އަމީން އާންމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ސަރުކާރުގެ ފަރާތުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސެވެ.

މިއަދު މަޖިލީހަށް ހާޒިރުވެފައިވަނީ ޕީޕީއެމް އަދި އެމްޑީއޭގެ ބައެއް މެންބަރުންނެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ ބައިގަޑިއެއްހާއިރު މަޑުކުރުމަށްފަހު މެންބަރުން ހަމަނުވުމުން ޖަލްސާ ފެށުން ފަސްކޮށްފަ އެވެ.

މަސީހުގެ އިތުބާރުނެތް މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން އިދިކޮޅު މެންބަރުން އަންނަނީ މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓް ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން ދަނީ ހުރިހާ މެންބަރުންނާއެކު ބާއްވާ މަޖިލީހަކަށް ނޫނީ ނުވަންނާނެ ކަމަށް ވިދާޅުވަމުންނެވެ.