ފްރާންސްގެ މަޝްހޫރު ކްލަބް ޕެރިސް ސެއިންޓް ޖެމެއިން (ޕީއެސްޖީ) އާއި މުވާސަލާތީ ކުންފުނި އުރީދޫއާ ގުޅިގެން މާލޭގައި ހިންގި ކޯޗިން ކޭމްޕް ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފި އެވެ.
ހުކުރު ދުވަހާއި މިއަދު ހެންވޭރު ދަނޑުގައި ކުރިއަށް ދިޔަ ކޯޗިން ކޭމްޕްގައި 200 ކުދިން ބައިވެރިވިއިރު، މި ކޭމްޕްގައި ކުދިންނަށް ތަމްރީން ދިނީ ޕީއެސްޖީ އެކެޑަމީގެ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ ޔާނިސް މަމޭރީ އާއި އިންގްލެންޑްގެ ބެންޖަމިން ސްކޮޓް އެވެ.
މި ކޭމްޕްގައި ތަމްރީން ފުރިހަމަކުރި ކޮންމެ ކުއްޖަކަށް ވެސް، ޕީއެސްޖީން ވަނީ ތަމްރީން ފުރިހަމަކުރި ކަމުގެ ސެޓްފިކެޓެއް ދީފަ އެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ބޭއްވި ކޯޗިން ކޭމްޕް ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ.
އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ޕީއެސްޖީ އެކެޑަމީގެ ކޯޗު ސްކޮޓް ބުނީ ކޯޗިން ކޭމްޕްގައި ބައިވެރިވި ކުދިންގެ ފަރާތުން ވަރަށް ގިނަ ރަނގަލު ކަންތައްތައް ފެނިގެންދިޔަ ކަމަށެވެ.
"ވަރަށް ޝައުގުވެރިކަމާއެކު، ކޮންމެ ކުއްޖެއް ވެސް ކޭމްޕްގައި ތަމްރީން ހެދީ. ފުޓްބޯޅަ އަށް މި ކުދިން ލޯބިކުރާކަން ފެނިގެންދިޔަ. ވަރަށް މޯޓިވޭޝަން ރަނގަޅު. ރަނގަޅު ކުޅުންތެރިއަކަށްވާން މި އުމުރުގައި ހުންނަންޖެހޭ މުހިންމު ސިފަތަކެއް މި ކުޅުންތެރިންގެ ފަރާތުްނ ފެނިގެންދިޔަ،" ސްކޮޓް ބުންޏެވެ.
ޕީއެސްޖީގެ އެކެޑަމީގެ ދެ ކޯޗުން ވަނީ ރާއްޖޭގެ ވައިޑީޕީ ކޯޗުންނަށް ވެސް ސެޝަނެއް ބާއްވައިފަ އެވެ. އަދި ކޯޗިން ކޭމްޕް ކުރިއަށްދިޔައިރު، ދިވެހި ކޯޗުން ވެސް ހަރަކާތްތެރިވި އެވެ.
އުރީދޫ އަކީ ފްރާންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީގެ ސްޕޮންސަރެކެވެ. އުރީދޫން ދަނީ ޕީއެސްޖީގެ ޓީމު ރާއްޖެ ގެންނަން ވެސް މަސައްކަތްކުރަމުންނެވެ.