ބޭރު ކުޅިވަރު

ފާޑިނާންޑް ކުޅުން ހުއްޓާލައިފި

އިންގްލެންޑްގެ ގައުމީ ޓީމުގ ެކުރީގެ ކެޕްޓަން ރިއޯ ފާޑިނާންޑް ކުޅުން ހުއްޓާލައިފި އެވެ.

ފާޑިނާންޑް ،36، ކުޅުން ހުއްޓާލިކަން މިއަދު އިއުލާންކުރީ މި ސީޒަންގައި ޕްރިމިއާ ލީގުން ރެލިގޭޓްވި ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރް) އިން އޭނާ ދޫކޮށްލާފައިވަނިކޮށެވެ.

ކުރިން މެންޗެސްޓަ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑް އަދި ވެސްޓް ހޭމް އަށް ކުޅުނު ފާޑިނާންޑް ކިއުޕީއާރް އަށް އެންމެ ފަހުން މެޗެއް ކުޅުނީ މާޗު މަހު އެވެ.

"އަހަރެން އެންމެ ލޯބިވާ ކުޅިވަރުގައި 18 އަހަރު ހޭދަކުރުމަށް ފަހު، މިއީ ކުޅުމާ ދުރަންދާން އެންމެ ރަނގަޅު ވަގުތު ކަމަށް ގަބޫލްކުރެވޭ،" ފާޑިނާންޑްް ބުންޏެވެ.

ވެސްޓް ހޭމް އިން ކެރިއަރު ފެށުމަށް ފަހު، 2000 ވަނަ އަހަރު ފާޑިނާންޑް ވަނީ ލީޑްސް އަށް ބަދަލުވެފަ އެވެ. އޭގެ ދެ އަހަރު ފަހުން ފާޑިނާންޑް ވަނީ އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ޑިފެންޑަރުގެ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. ޔުނައިޓެޑާއެކު ފާޑިނާންޑް ވަނީ ޕްރިމިއާ ލީޣު ހަ ފަހަރު ކާމިޔާބުކުރި އެވެ. އަދި 2008 ވަނަ އަަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި އެވެ.

އިންގްލެންޑްގެ ގައުމީ ޓީމަށް 1997 ވަނަ އަހަރު ކުޅެންފެށި ފާޑިނާންޑްގެ ގައުމީ ޓީމުގެ ކެޕްޓަންކަން ހަވާލުކުރީ 2010 ވަނަ އަހަރެވެ. އެކަމަކު އަނިޔާގެ ސަބަބުން އެ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ އަަށް ނުކުޅެވުނެވެ. -- ބީީބީސީ