ހަބަރު

ހަސަން ސައީދުގެ އަޑުއެހުންތައް ނިންމާލައިފި

ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އުފުލާފައިވާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ހަސަން ސައީދުގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުނު ކަމަށް ބުނެ އެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ހަސަން ސައީދު ދިރިއުޅުއްވާ ގެއަށް ފުލުހުން ވަނެވެ. ނަމަވެސް ހަސަން ސައީދު އޭރު އެ ގޭގައި ނޫޅުއްވަ އެވެ. އޭގެފަހުން އޭނާ ހޯދުމަށް ވެސް ފުލުހުން އިއުލާންކުރި އެވެ. ނަމަވެސް ފުލުހަށް ހާޒިރުވެފައެއް ނުވެ އެވެ.

މިއަދު ބޭއްވި އަޑުއެހުމަކީ ދެފަރާތުން ހުލާސާ ބަޔާން އިއްވުމަށް ބޭއްވި ޝަރީއަތެކެވެ. ދެފަރާތުން ހުލާސާ ބަޔާން އިއްވާ ނިމުމުން ގާޒީ ވަނީ ދެން އޮންނަ ޝަރީއަތެއްގައި މި މައްސަލަ ހަސަން ސަޢީދުގެ މައްޗަށް ސާބިތުވެއްޖެނަމަ އަދަބާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވަކި ޝަރީއަތެއް ބާއްވާނެ ކަށެވެ. އަދި އެދުވަހު ހުކުމް އިއްވުންވެސް އޮންނާނެ ކަމަށެވެ.

މިމައްސަލައިގެ ކުށް ސާވިތުވެއްޖެ ހަސަން ސައީދުގެ މައްޗަށް ހަތަރު މަހާއި ދިހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ހަސަން ސައީދު ހައްޔަރުކުރީ ރިޝްވަތު ހިފައިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ. އޭނާއާ ދެކޮޅަށް އެކަމުގެ ހެކި ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލާގެ ތަހުގީގު ނިންމައި ދައުވާކުރަން ފޮނުވާފައެއް ނުވެ އެވެ.