ހަބަރު

ޗައިނާއާއެކު ގުޅުން އިތުރުވުމުގެ ނުރައްކާ އިންޑިއާ އިން ރާއްޖެއަށް އޮޅުންފިލުވައިދެނީ

Jul 10, 2018
1

ރާއްޖެ ހިމެނޭ ގޮތަށް މުޅި ދެކުނު އޭޝިޔާއަށް ޗައިނާއިން އަތްގަދަ ކުރާ ކަމަށްބުނެ އަވަށްޓެރި ގައުމުތަކަށް އެ ކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް އޮޅުންފިލުވައިދޭން، އިންޑިއާ އިން މަސައްކަތް ކުރަން ނިންމައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ދެކުނު އޭޝިޔާގެ ގައުމަތަކަށް ކަނޑައަޅާފައިވާ ސަފީރުންނާއެކު ބާއްވަމުން އަންނަ ބައްދަލުވުން މިދިޔަ އަންގާރަ ދުވަހު ވެރިރަށް ނިއުދިއްލީގައި ވަނީ ބާއްވާފަ އެވެ.

ރާއްޖެއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ހާރިޖީ ވަޒީރު ސުޝްމާ ސްވަރާޖު ވަނީ ޗައިނާގެ ހިޔަނި ސަރަހައްދުގައި ބޮޑުވަމުން އަންނަ އައުން ހުއްޓުވުމަށް އެކުލަވާލި ޕްލޭނުް ހިއްސާ ކުރައްވާފަ އެވެ.

ތިން ބަޔަކަށް ބެހިފައިވާ ޕްލޭނުގައި، ޗައިނާއާއެކު ގުޅުން އިތުރުވުމުން، އަވަށްޓެރި ގައުމުތަކަށް ހުރި ނުރައްކާތައް އޮޅުންފިލުވައިދޭން ހިމަނާފައި ވެއެވެ. މީގެ އިތުރުން، ޗައިނާ އިން މި ސަރަހައްދުގައި ކުރަމުން އަންނަ ހުރިހާ ކަމެއް ގާތުން ބެލުމާއި، އިންޑިއާގެ މަޝްރޫއުތަކާއި އިންވެސްޓްމަންޓުތައް އިތުރުކުރުން ވެސް ހިމެނެ އެވެ.

ކޮންމެ ގައުމަކަށް ވަކި ވަކިން މަޝްވަރާ ކޮށްފައިވާ އިރު، ޗައިނާ އާއި ރާއްޖެ އާދެމެދު އޮންނަ ގުޅުމުގެ މައްޗަށް ބައްދަލުވުމުގައި ހުށަހެޅި ޕްރެޒެންޓޭޝަންގައި، ދިވެހި ސަރުކާރުން އިންޑިއާގެ ފިޔަވަޅު މުޅިން ފޮހެލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބްރިޖާއި، އެއާޕޯޓް ފަދަ ބިޔަ މަޝްރޫއުތަކުގެ އެހީގައި ޗައިނާ ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް އަތްގަދަ ކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިފަހުން ރާއްޖެ-އިންޑިއާގެ ގުޅުން ގޯސްވީ ފެބުރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރާއްޖޭގައި ސްޓޭޓް އޮފް އެމެޖެންސީ ހިންގާ އުއްތަމަ ފަނޑިޔާރާއި އެ ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު، ސިފައިންނާއި ފުލުހުން ކޯޓް ތެރެއަށް ވަދެ ހައްޔަރު ކުރުމުން އެވެ. އިންޑިއާއިން ވަނީ ސްޓޭޓް އޮފް އެމެޖެންސީ އުވާލައި ސުޕްރީމް ކޯޓްގެ އަމުރަށް ބޯ ލެބުމަށް ރާއްޖެއަށް ގޮވާލައިފަ އެވެ.