ހަބަރު

ނަޝީދު ވިދާޅުވީ ޗައިނާ ދަރަނީގެ މަޅިން ސަލާމަތްނުވެވިގެން އުޅޭކަމަށް

Dec 12, 2019
6

ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ޗައިނާ އިން ރާއްޖޭގެ ބޮލުގައި އަޅުވާފައިވާ ދަރަނީގެ މަޅިން ސަލާމަތްނުވެވިގެން އުޅޭކަމަށް ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވާހަކަފުޅު ދައްކަވައިފި އެވެ.

ކުރީގެ ސަރުކާރުގައި ސިނަމާލެ ބުރިޖު ފަދަ ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ބޮޑެތި ލޯނުތައް ނެގީ އަގުބޮޑު ކޮށްކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.

އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނަޝީދު ވަނީ އިންޑިއާގެ ނައިބު ރައީސް ވެންކައްޔާ ނައިޑޫ އާ ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގެ ތަފްސީލް ރަސްމީކޮށް ހާމަކޮށްފައިނުވި ނަމަވެސް، އިންޑިއާގެ ބައެއް ނޫސްތަކުން އެ ބައްދަލުވުމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ނަޝީދު ވަނީ ޗައިނާއަށް އޮތް ދަރަންޏާ ގުޅޭގޮތުން އިންޑިއާގެ ނައިބު ރައީސް އަރިހު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެގޮތުން، ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ މަޝްރޫއުތައް މިހާރު ދިރާސާ ކުރަމުން އަންނަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި ބޮޑު އަގުތައް ޖަހައިގެން ހިންގާފައިވާ މަޝްރޫއުތަކުގެ ފުނަށް ދިޔުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިކަމަށް އެ ރިޕޯޓުތަކުގައި ވެއެވެ.

ޗައިނާއިން ނަގާފައިވާ ދަރަނިތައް "ރީސްޓްރަކްޗާ" ކުރަން ނިންމާފައިވާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އެސޯސިއޭޓަޑް ޕްރެސް (އޭޕީ) އެ ހަބަރު ޝާއިއު ކުރުމާއެކު ފޮރިން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ދަރަނި ރީސްޓްރަކްޗާ ކުރާ ކަމަކަށް މިނިސްޓަރު ވިދާޅު ނުވާ ކަމަށާއި ޝާހިދު ވިދާޅުވީ ކުރީ ސަރުކާރުން އެއްވެސް ހަމައެއް ނެތި ދަރަނި ނަގާފައިވާ ވާހަކަ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި މަޝްވަރާކޮށްގެން ކުރެވޭ ވަރަށް ރާއްޖެއާއި ޗައިނާގެ ގުޅުން ވަރުގަދަ ކަމަށާއި މި ވެރިކަމުގައި ޗައިނާއާއެކު އޮތް ގުޅުން އާ އުސްމިންތަކަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

ޗައިނާއިން ރައީސް ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.5 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.