ހަބަރު

ޕީއެސްއެމް ސަރުކާރު ކުންފުންޏަކަށް ބަދަލުކޮށް، ބޯޑް އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދެނީ

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުނީގެ ބޯޑްގެ ހުރިހާ މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސަރުކާރު ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅާފައިވާ އެ އިސްލާހުގައިވާ ގޮތުން ޕީއެސްއެމް ހިންގާނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަން ކުރާ ޑިރެކްޓަރުންގެ ބޯޑަކުން ކަމަށާއި އެ ބޯޑު އެކުލެވިގެންވާނީ ފަސް މެންބަރުންގެ މައްޗައް ކަމަށެވެ. އަދި ގާނޫނަށް އަމަލު ކުރަން ފަށާތާ 10 ދުވަސް ތެރޭގައި ބޯޑަށް މެންބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ބޯޑުގައި އެކުލެވިގެންވާނީ ޗެއާމަން އާއި މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށް އެ އިސްލާހުގައިވެ އެވެ. އަދި އެ މެންބަރުން އައްޔަން ކުރަން ޖެހޭނީ ޕްރައިވަޓައިޒޭޝަން ބޯޑުން ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި ކޮންމެ މެންބަރެއްގެ ވެސް ދައުރަކީ ގިނަ ވެގެން ހަތަރު އަހަރު ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

ބޯޑުގެ މައްސޫލިއްޔަތުގެ ތެރޭގައި ދައުލަތާއި ދިވެހި ގައުމުގެ ސިޔާދަތާއި ކަރާމާތާއި އަމިއްލަ މިނިވަންކަން ނެގެހެއްޓުމަށް ދައުލަތުގެ ސިޔާސަތުތަކާއި އުސޫލުތައް ނިންމުންތައް ރައްޔިތުންނަށް ބަޔާންކޮށްދީ އެކަން ތަންފީޒު ކުރުމުގައި ޕީއެސްއެމްގެ މެނޭޖްމަންޓަށް އިރުޝާދު ދިނުން ހިމެނެ އެވެ.