ޕީއެސްއެމް

ޕީއެސްއެމްގެ ބޯޑް އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ޕީއެސްއެމްގެ ބޯޑާއި ޕީއެސްއެމްގެ ކުރީގެ ޗީފް އިންޓާނަލް އޮޑިޓަރު ހާޒިރުކުރަން ނިންމައިފި އެވެ.

ޕީއެސްއެމްގެ ބޯޑާއި ކުރީގެ އިންޓާނަލް އޮޑިޓަރު އަހުމަދު ފަޒީލް، ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރަނީ ޕީއެސްއެމްއާ ގުޅޭ 100 މިލިއަން ރުފިޔާގެ ހިޔާނާތަކާ ގުޅިގެންނެވެ.

މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގައި ވަނީ ޕީއެސްއެމް އިން މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.

ޕީއެސްއެމްގެ އެ ސިޓީގައި ބުނެފައިވަނީ ޗީފް އިންޓާނަލް އޮޑިޓަރު މަގާމުން ވަކިކޮށްފައިވާ ކަމަށާއި ނަމަވެސް ހިޔާނާތް ފޮރުވުމަށް އޮޑިޓް ޑިޕާޓްމަންޓް އުވާލުގެ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

ކޮމިޓީއަށް ޕީއެސްއެމް އިން ފޮނުވި ސިޓީގައި ބުނެފައިވަނީ ކުންފުނީގެ އިންޓާނަލް އޮޑިޓްގެ މަސައްކަތަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށާއި އެކަމަށް އިތުރު 70،000 ރުފިޔާ ހަރަދުވާނެ ކަމަށް ކުރީގެ ޗީފް އޮޑިޓާ ބުނެފައިވާ ކަމަށެވެ.

ކުންފުނީގެ އޮޑިޓް މަސައްކަތް އައުޓްސޯސް ކުރަން ނިންމީ ހަރަދުކުޑަ ކުރުމުގެ ގޮތުން ކަމަށާއި އޭގެ ސަބަބުން އިންޓާނަލް އޮޑިޓްގެ ހަރަދު ދެގުނަ ކުޑަކުރެވޭނެ ކަމަށް ޕީއެސްއެމްގެ ސިޓީގައި ބުނެފައިވެ އެވެ.

މިއަހަރުގެ ޖޫން މަހު "އަވަސް" އާ ވާހަކަ ދައްކަމުން އަހުމަދު ފަޒީލް ވިދާޅުވީ މެއި 2021 ގައި އެ ޑިޕާޓްމަންޓް އުފެދުމާ ހަމައަށް ހިނގާދިޔަ 15 މަސްތެރޭ އައުޓް ސޯސްކޮށްގެން ހެދި އެއްވެސް ރިޕޯޓެއް ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެ ޑިޕާޓްމަންޓުން މިދިޔަ އަހަރުގެ ނިޔަލަށް 30 މައްސަލައެއް ބަލާ 14 ރިޕޯޓް ތައްޔާރުކޮށް ބޯޑަށް ހުށައެޅި ކަމަށެވެ.

ފަޒީލް ވިދާޅުވީ ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމަންޓާއި ބިޑް ކޮމެޓީގެ ބައެއް މެންބަރުންނާއި ޕްރޮކިއުމަންޓް އަދި މާކެޓިން ޑިޕާޓްމަންޓްގެ ބައެއް މުވައްޒިފުން ހިންގާފައިވާ ހިޔާނާތާ ގުޅޭ މައްސަލަތައްވެސް ބަލާފައިވާނެ ކަމަށެވެ.