ހަބަރު

ޒަރޫރީ ހާލަތެއް ކަމަށް ބުނެ ޕީއެސްއެމްގެ ބޯޑު އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދީފި

ޒަރޫރީ ހާލަތެއް އޮވެގެން ކަމަށް ބުނެ، ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު ބަދަލު ކުރުމަށް ބޭނުންވާ ކޯރަމް ހަމަނުވަނީސް އެ އެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރު ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ޕީއެސްއެމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ޕީއެސްއެމް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުނީގެ ބޯޑުގެ ހުރިހާ މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދިނުމަށެވެ. ނަމަވެސް އެ އިސްލާހުތަކަކީ ރައްޔިތުން ސީދާ އަމަލު ކުރަން ޖެހޭ ގާނޫނަކަށް ވާތީ އެ އިސްލާހުތައް ފާސް ކުރުމަށް 43 މެންބަރުން ވޯޓަށް އަހާއިރު ތަޅުމުގައި ހާޒިރުވެ ތިބެން ޖެހެ އެވެ. ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ރައްޔިތުން އެއެއްގެ މައްޗަށް އަމަލުކުރަންޖެހޭ ކޮންމެ ކަމެއް ފާސްކުރަންޖެހޭނީ ގާނޫނުގައިވާ މަޖިލިސް މެންބަރުންގެ އަދަދުގެ ދެބައިކޮށްފަ އެއްބައި މެންބަރުން ތިއްބަވައިގެންނެވެ. ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައިވާތީ އެ އަދަދަށް މެންބަރުން ހަމައެއް ނުވެ އެވެ.

އިދިކޮޅު މެންބަރުން މަޖިލީހަށް ހާޒިރުވުމަށް ދެ ދުވަހެއްގެ މަތިން ފުރުސަތު ދިނުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު މިއަދު ވަނީ ޕީއެސްއެމްގެ ގާނޫނަށް ގެނައި އިސްލާހު ފާސް ކުރުމަށްޓަކައި ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުން ހުށަހަޅުއްވަމުން މަސީހު ވިދާޅުވީ ޕީއެސްއެމްގެ ގާނޫން ފާސް ކުރުމަށް ދެ ދުވަހެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް ގާނޫނުގައި ބުނާ އަދަދު ހަމަ ނުވި ކަމަށާއި އެހެންކަމުން ވޯޓުގެ ކަންކަން ކުރިޔަށް ގެންދެވިފައި ނުވާ ކަމަށެވެ. ނަމަވެސް ޑިމޮކްރަސީގައި މުހިންމު ދައުރެއް ޕީއެސްއެމް އަދާ ކުރާއިރު ދައުލަތުގެ މީޑިއާ އިތުރަށް ހަރުދަނާ ކުރުމަކީ ދައުލަތުގެ މަސްލަހަތާ ވަރަށް ބޮޑަށް ގުޅުން ހުރި ކަމެއް ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް ބިލު ފާސް ކުރުމުގެ ޒަރޫރަތްތެރިކަމެއް އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ދެ ހުކުމަކަށް ރިއާޔަތްކޮށް ޒަރޫރަތްތެރި ހާލަތުގައި ގާނޫނުގައި ބުނާ އަދަދު ހަމަ ނުވި ނަމަވެސް ބިލު ފާސް ކުރުމަށް ވޯޓަށް އެހުމަށް ހުށަހަޅާ ކަމަށް މަސީހު ވިދާޅުވި އެވެ.

އެ ހުށަހެޅުން ފާސް ކުރަން ފެންނަ ކަމަށް މަޖިލީހަށް ހާޒިރުވި 33 މެންބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވި 31 މެންބަރަކު ވޯޓު ދެއްވި އެވެ. އެގޮތުން ގާނޫނީ އަދަދު ހަމަ ނުވިޔަސް ޕީއެސްއެމްގެ ބޯޑު އައްޔަން ކުރުމުގެ ބާރު ރައީސްއަށް ދިނުމަށް ޒަރޫރަތްތެރި ހާލަތެއް އޮތުމުން އެ އިސްލާހަށް ވޯޓަށް އަހަން ފާސްވި އެވެ. އަދި ޕީއެސްއެމްގެ ގާނޫނަށް ގެނައި އިސްލާހު ފާސްވީ މަޖިލީހަށް ހާޒިރުވި 33 މެންބަރުންގެ އިއްތިފާގުންނެވެ.

މީގެ ކުރިން އިންތިހާބުތަކާ ބެހޭ ގާނޫނު ފާސް ކުރުމަށް ވެސް ދެ ދުވަހެއްގެ މަތިން ފުރުސަތު ދިނުމަށް ފަހު ސުޕްރީމް ކޯޓުގެ ދެ ހުކުމަށް ރިއާޔަތް ކުރުމަށް ފަހު މަޖިލީހުން ވަނީ ކޯރަމް ހަމަ ނުވަނީސް ވޯޓަށް އަހައި ބިލުތައް ފާސްކޮށްފަ އެވެ. އެގޮތުން މިއަދު ވޯޓަށް އަހަން ތާވަލުކޮށްފައިވާ ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހުތަކާއި ގާނޫނުލްއުގޫބާތަށް ގެނައި އިސްލާހުތަކާއި ޖަލުތަކުގެ ޕޭރޯލް ގާނޫނަށް ގެނައި އިސްލާހުގެ އިތުރުން ރައްޔިތުން މަޖިލީހުގެ އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކަށް ވޯޓަށް އެހުން ވެސް ވަނީ ފަސްކޮށްލައިފަ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނަނީ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެންބަރުން މަޖިލީހަށް ވެއްދުމަށް ފަހު މަސީހުގެ އިތުބާރު ނެތް މައްސަލަ ކުރިޔަށް ގެންދާ ހިސާބުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވާނެ ކަމަށެވެ.

ނަމަވެސް ރައްޔިތުން އަމަލު ކުރަން ޖެހޭ ކަންކަމަުގައި މަޖިލީހުގެ އަގުލަަބިއްޔަތު ނެތި ވޯޓަށް ނޭހޭނެ ކަމަށް ގާނޫން އަސާސީގައި ބުނެފައިވާ އިރު، އޭގެ މައްޗައް މައިނޯރިޓީ މެންބަރުންތަކެއްގެ ހާޒިރުގައި އަހާ ވޯޓެއް ނުހިނގާނެ ކަމަށެވެ. އަދި މިހާރު މަޖިލީހުގައި ކަންކަން ހިނގަނީ ގާނޫން އަސާސީއާ ހިލާފަށް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.