ހަބަރު

މަޖިލިސް ޖަލްސާތަކާއި ކޮމިޓީތައް އިތުރަށް މީޑިއާއަށް ހުޅުވާލަން ބޭނުންވޭ: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި، ކޮމިޓީތައް އިތުރަށް މީޑިއާއަށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް އެގޮތަށް ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ޓެލެކާސްޓްކުރުމާ ގުޅޭގޮތުން ޕީއެސްއެމާއެކު ބޭއްވި މަޝްވަރާތަކުގެ ތެރޭގައި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕީސްއެމްގެ ޑެޕިއުޓީ މޭނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަމީމާއި ޗީފް އޮޕަރޭޓިން އޮފިސަ އިބްރާހީމް ރަޝީދު މަޖިލީހުގެ ރައީސް ގާސިމްގެ އަރިހަށް މިއަދު ކުރެއްވި ޒިޔާރަތުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ބޭއްވި އެބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ޕީއެސްއެމްގެ މަޖިލިސް ޓީވީ މެދުވެރިކޮށް ދެއްކުމާބެހޭ ގޮތުން ފުޅާދައިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި، އެގޮތުން ޖަލްސާތަކާއި ބައްދަލުވުންތައް ވަގުތުން ދެއްކުމުގައި މިހާރު ދިމާވާ ބައެއް ގޮންޖެހުންތަކާއި އެކަންކަން ހައްލު ކުރާނެގޮތްތަކާއި ބެހޭގޮތުން ވާހަކަދައްކާފައިވާ ކަމަށް ބުންޏެވެ.

އެ ބައްދަލުވުމުގައި މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީ ބައްދަލުވުންތައް ވީހާވެސް ބޮޑަށް މީޑިއާއަށް ހުޅުވާލައިގެން ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަކުރައްވާ ގާސިމް ވަނީ ރައްޔިތުންގެ މަޖިލީހަކީ މީޑިއާއާ ރައްޓެހި ތަނަކަށް ހަދާ، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތަފުސީލު ޕީއެސްއެމާއި ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މަޖިލީހުގެ ޖަލްސާތައް ޓެލެކާސްޓު ކުރުމަށް މިހާރު ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމާއި މަޖިލީހުގެ އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރެއްވި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މަޖިލީހުގެ އިދާރާއިން ބުނީ ޕީއެސްއެމްގެ މަޖިލިސް ޓީވީ މެދުވެރިކޮށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާ، އެމަސައްކަތް ކުރަން ޕީއެސްއެމަށް ބޭނުންވާ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ގާސިމް ދެއްވި ކަމަށެވެ.