ހަބަރު

މުލަކުގެ ނަރުދަމާ ނިޒާމް ގާއިމުކޮށް ނިންމާލައިފި

Jul 10, 2018

މ. މުލަކު ނަރުދަމާާ ނިޒާމްގެ މަޝްރޫއު ރަސްމީކޮށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް މިއަދު ނިންމަވައިދެއްވައިފި އެވެ.

މުލަކުގެ މި ނިޒާމް ގާއިމްކުރަން ހަވާލު ކުރީ، މައި ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީއަށެވެ.
މި މަޝްރޫޢުގެ އަގަކީ 43,941,179.77ރ. އެވެ.

ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 18، 2017 ގައެވެ. މަސައްކަތް ނިންމާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓައި 10.44 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް 374 ގެއަށް ވަނީ ހިދުމަތް ދީފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 41 މީޓަރުގެ އައުޓް ފޯލް ހޮޅި އަޅާފައި ވެއެވެ. މި ނިޒާމުގެ ހިދުމަތް މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ފެނަކަ ކޯޕަރޭޝަނުން ދަނީ އެ ރަށުގައި ފޯރުކޮށްދެމުންނެވެ.

މުލަކު ނަރުދަމާ ނިޒާމް އިފްތިތާހުކޮށް ދެއްވުމަށް ރައީސް އެ ރަށަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހު އެވެ. އެމަނިކުފާނާއެކު ސަރުކާރުގެ މިނިސްޓަރުން އެރަށަށް ވަޑައިގެންފައިވެ އެވެ. މުލަކަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.