ބޭރު ކުޅިވަރު

މެސީގެ "ޖާދުލާއެކު" ބާސާ ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ލިއޮނެލް މެސީގެ މޮޅު ކުޅުމާއެކު ސްޕެނިޝް ކަޕްގެ ފައިނަލްގައި ރޭ އެތުލެޓިކޯ ބިލްބާއޯ އަތުން 3-1 އިން މޮޅުވެ، ބާސާ ސްޕެނިޝް ކަޕްގެ ޗެމްޕިއަންކަން ރޭ ހޯދައިފި އެވެ.

ބާސާގެ ދަނޑުގައި ކުޅުނު ފައިނަލް މެޗުގެ 20 ވަނަ މިނިޓުގައި މެސީ ވަނީ އޭނާ ހުނަރު ދައްކާލައި، ބާސާ އަށް ލީޑު ހޯދައިދީފަ އެވެ. މެދު ރޮނގާ ހިސާބުން ކަނާތުން ފަޅިން ބޯޅަ ހިފައިގެން ކުރިއަށް ގޮސް، ބިލްބާއޯގެ ތިން ކުޅުންތެރިން ކައިރިން ސަލާމަތްވެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ، މެސީ ވަނީ ބިލްބާއޯގެ އިތުރު ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިފަ އެވެ.

މެޗުގެ 36 ވަނަ މިނިޓުގައި ބާސާގެ ދެވަނަ ލަނޑު ޖެހީ ނޭމާ އެވެ. މިއީ މި ސީޒަންގައި ނޭމާ ޖެހި 38 ވަނަ ލަނޑެވެ.

ބާސާގެ ތިން ވަނަ ލަނޑުު 74 ވަނަ މިނިޓުގައި ޖެހީ މެސީ އެވެ. މިއީ މެސީ މި ސީޒަންގައި ޖެހި 58 ވަނަ ލަނޑެވެ. މެޗުގެ 79 ވަނަ މިނިޓުގައި ބިލްބާއޯ އަށް ލަނޑު ޖަހައިދިނީ އިނާކީ ވިލިއަމްސް އެވެ.

މި ސީޒަންގައި ސްޕެނިޝް ލީގު ޗެމްޕިއަންކަން ވެސް ހޯދައިފައިވާ ބާސާ އަށް ވަނީ މި ސީޒަންގައި ތިން ތަށި ހޯދުމުގެ ފުރުސަތު ލިބިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މި މަހުގެ ހަ ވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ބާސާ ނުކުންނާނެ އެވެ.

ބާސާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިހާރު އެ ޓީމުގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ތިން ތަށި ހަަމަކުރުން ކަމަށެވެ.

"މިހާރު އަހަރެން ބޭނުންވަނީ ތިން ވަނަ ތަށި. އެކަަމަކު ޔުވެންޓަަސް އަކީ ވަރުގަދަ ޓީމެއް. އެ ޓީމުން ވެސް ނުކުންނަނީ ތިން ތަށި ކާމިޔާބުކުރަން،" އެންރީކޭ ބުންޏެވެ. -- ބީބީސީ