ކަނޑުމަތީގެ ހާދިސާ

ސްރީލަންކާގެ މަސްބޯޓެއް ހާލު ޖެހިފައިވާ ވަނިކޮށް އެހީވެއްޖެ

Jul 10, 2018

ގއ. ވިލިނގިލީގެ ބޭރުން ސްރީލަންކާގެ މަސްބޯޓެއް ހާލުގައި ޖެހިފައި ވަނިކޮށް ފެނިގެން އެމްއެންޑީއެފް އެހީވެއްޖެ އެވެ.

"ސިންދޫރު- 2" ނަމަކަށް ކިޔާ އެ ބޯޓް ފެނިފައި ވަނީ ވިލިނގިލީގެ އިރު އުތުރުން 43 މޭލު ބޭރުންނެވެ. މި ބޯޓްގެ މައުލޫމާތު ސިފައިންނަށް ދިނީ މިއަދު ހެނދުނު 11:30 ހާއިރު އެސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު "ދިރުން" ނަމަކަށް ކިޔާ މަސް ދޯންޏަކުންނެވެ. އެ ދޯނިން ވަނީ ރިޕޯޓް ކުރުމާއެކު ހާލުގައި ޖެހިފައިވާ މަސްބޯޓުގައި ތިބި މީހުނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދީފަ އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު ހަވީރު އެ މަސް ބޯޓު އޮތް ސަރަޙައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި ބޯޓު ކަނޑުމަތީގައި ހާލުގައި ޖެހުނީ އިންޖީނުގެ ބެޓެރީ ފެއިލްވެގެންނެވެ.

މި ބޯޓު ގދ. ތިނަދޫއަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ބޯޓުގައި ހަ މީހުން ތިބިއިރު އެ އެންމެންގެ ހާލުވެސް ރަނގަޅެވެ.