ހަބަރު

އިންޖީނު ހުއްޓި ލަންކާ މަސްބޯޓެއް އޮޔާ ދަނީ

އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައިވާ ލަންކާގެ މަސްބޯޓެއް ދިއްފުއްޓާ ދިމާ ބޭރުން އޮޔާ ދާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ބުނީ، ލަންކާ ބޯޓަށް އެހީވުމަށް ކޯސްޓް ގާޑުގެ ލޯންޗެއް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބޯޓުގައި މީހުން ތިބި ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

އިތުރަށް ބުނީ، މި ބޯޓު އޮޔާދާ ކަމުގެ މައުލޫމާތު މި މަހު 23 ވަނަ ދުވަހު ލިބިފައިވާ ކަމަށާއި އެ ދުވަހުން ފަށައިގެން ދިޔައީ އެ ބޯޓު މޮނިޓާ ކުރަމުން ކަމަށެވެ. އަދި މިހާރު ބޯޓަށް އެހީވުމަށް އެމްއެންޑީއެފް ލޯންޗު ދަތުރު ކުރަން ފަށާފައިވާ އިރު ބޯޓު އޮތީ ދިއްފުށި އިރު އުތުރުން ބޭރުގައި ކަމަށް ވެސް ބުންޏެވެ.

އެމްއެންޑީއެފް ލޯންޗަށް ލަންކާ ބޯޓު އޮތް ހިސާބަށް ދެވޭނީ މިރޭ 9:30 ކަން ހާއިރު ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.