ރާއްޖެ ކުޅިވަރު

ރިހި މެޑަލް ހޯދި ގައުމީ ވޮލީބޯޅަ ޓީމަށް ހޫނު މަރުހަބާއެއް

ބަންގަލްދޭޝްގައި ކުރިއަށްދިޔަ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ދެވަނަ ހޯދި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ރޭ އެނބުރި އައިސްފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ރޭ ގައުމީ ޓީމަށް މަރުހަބާ ކިޔީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހުރާއި އެ މިނިސްޓްރީގެ އެހެން ބައެއް އިސް އޮފިޝަލުންނެވެ.

ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރި ދެވަނަ ފައިނަލްގައި ތުރުކުމެނިސްތާން އަތުން ރާއްޖެ ބަލިވީ 3-2 ސެޓުންނެވެ. މި މެޗުން ބަލިވިޔަސް، ރާއްޖޭގެ ޓީމުން ވަނީ ތުރުކުމެނިސްތާނާ ރަނގަޅު ވާދައެއްކޮށް، މޮޅު ކުޅުމެއް ދައްކަައިފަ އެވެ.

ރާއްޖޭގެ ޓީމުން މުބާރާތުގެ ފައިނަަލަށް ދަތަރުކޮށް، ހޯދި ކާމިޔާބުގެ އަގު ވަޒަންކުރުމުގެ ގޮތުން ރައީސް އަބްދުﷲ ޔާމީން ވަނީ މުޅި ޓީމަށް 250،000ރ ގެ ފައިސާގެ އިނާމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ.