ބޭރު ކުޅިވަރު

ޕީއެސްޖީ ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ފްރެންޗް ކަޕްގެ ފައިނަލްގައި ރޭ އޮޒެއާ އަތުން 1-0 އިން މޮޅުވެ، ޕެރިސް ސެއިންޓް ޖެމެއިން (ޕީއެސްޖީ) އިން ފްރެންޗް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ. ފްރެންޗް ކަޕްގެ ޗެމްޕިއަންކަމާއެކު، ޕީއެސްޖީ އަށް ވަނީ ފްރާންސްގެ ފުޓްބޯޅަ ސީޒަންގެ ތިން ތަށި އެއް ސީޒަނެއްގައި ކާމިޔާބުކުރި ފުރަތަމަ ކްލަބުގެ ޝަރަފު ލިބިފަ އެވެ.

ފައިނަލް މެޗުގެ 64 ވަނަ މިނިޓުގައި ޕީއެސްޖީ އަށް ލަނޑު ޖަހައިދިނީ އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ އެވެ.

ޕީއެސްޖީ އިން ވަނީ މި ސީޒަންގެ ފްރާންސް ލީގާއި ފްރެންޗް ލީގު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

"ވަރަށް ރަނގަޅު ކާމިޔާބަކާއެކު އަހަރެމެން މި ސީޒަން ނިންމާލީ،" ޕީއެސްޖީގެ ކޯޗު ލޯރެން ބްލޯންކް ބުންޏެވެ. "މި ތަށި މި ލިބުނީ ފަސޭހަގޮތަކަށް ނޫން. އޮޒެއާ އަށް ތައުރީފް ހައްގު."

ޕީއެސްޖީގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް ބުނީ ތިން ތަށި ލިބުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ ކުރިން އެހެން ކްލަބަކަށް ހާސިލްވެފައި އޮތް ކަމެއް ނޫން،" އިބްރަހިމޮވިޗް ބުންޏެވެ. -- ބީބީސީ