ދުނިޔެ

ކޮރެއާގައި "ކިމް" އެހާ ގިނައީ ކީއްވެ؟

Dec 25, 2014
2

ދެކުނު ކޮރެއާ މީހުން ބުނާ ވާހަކައެއް އޮވެއެވެ. އެއީ ވެރި ރަށް ސޯލްގެ މެދުގައި ހުންނަ ނަމްސާން ފަރުބަދަ ކޮޅުގައި ހުރެ ގާކޮޅެއް އެއްލައިފި ނަމަ ކިމް ނޫނީ ލީ ނަމަކަށް ކިޔާ މީހެއްގެ ގައިގައި ނުޖެހި ނުދާނެ ވާހަކަ އެވެ. ފަންސާސް މިލިއަނެއްހާ މީހުން އުޅޭ ސައުތު ކޮރެއާގެ ކޮންމެ ފަސް މީހަކުން އެކަކަކީ ކިމް އެކެވެ. އަދި ކޮންމެ ދިހަ މީހުންގެ ތެރެއިން އެކަކަކީ ޕާކް އެކެވެ. މީގެ ތެރެގައި މިހާރުގެ ރައީސް ޕާކް ގެއުން-ހްޔޭ އާއި ގަންގްނަމް ސްޓައިލް އިން މަޝްހޫރުވި ލަވަކިޔުންތެރިޔާ ސައި (އަސްލު ނަމަކީ ޕާކް ޖައެ-ސަންގް) ހިމެނެއެވެ. ކޮރެއާގެ ކޮންމެ ދެ މީހަކުން އެކަކަކީ މި ތިން އާއިލީ ނަމުން ކުރެ ނަމަކުން ނަން ދެވިފައިވާ މީހުން ނެވެ.

މި ތިން ނަން ކޮރެއާގައި އެހާ މަޝްހޫރީ ކީއްވެހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ހޯދުމަށް ކޮރެއާގެ ތާރީހުގެ ތެރެއަށް ވަދެލަމާ ހިނގާށެވެ. މާ ފުނަކަށް ނޫނެވެ.

ދުނިޔޭގެ އެހެން ހިސާބުތަކެކޭ އެއްގޮތަށް ގަދީމީ ޒަމާނުގައި ކޮރެއާގައި ވެސް އާއިލީ ނަމަކީ ކޮންމެ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ނޫނެވެ. އާއިލީ ނަމެއް ލިބެނީ ހަމައެކަނި ރަސްކަލުންގެ ދަރިފަސްކޮޅަށާއިވެރިކަމާ ގުޅުންހުރި، ގަދަރު އުފުލިގެންވާ މީސްމީހުންގެ ދަރިފަސްކޮޅަށެވެ.

އަޅުންނާއި އަތްކަންކުރާ މީހުންނާއި ފާދިރީންނާއި ވިޔަފާރި ވެރިންނާއި ހަށި ވިއްކާ މީހުންނަކީ އާއިލީ ނަމެއް އޮންނަ ބައެއް ނޫނެވެ. މިހެން މިކަން އޮއްވާ ރަސްކަމަށް ވަފާތެރި އިއްޒަތްތެރިންގެ މުހިންމުކަން ބޮޑުވެ، އެމީހުން ވަކި ކުރާނެ ގޮތެއް މުހިންމު ވިއެވެ. މީލާދީން 900 ހިސާބުގައި އޭރު ކޮރެއާގައި ރަސްކަލަކަށް ހުރި ވަންގް ޖެއޮން މިބުނި އިއްޒަތްތެރިންނަށް އާއިލީ ނަމެއް ބޭނުން ކުރަން ހުއްދަ ދިނެވެ. އެހިސާބުން މުއްސަނދިންގެ އަތްފޯރާ ފަށަށް އާއިލީނަންތައް އައި ކަމަށެވެ. މަޝްހޫރު ވިޔަފާރި ވެރިން އާއިލީ ނަން "ގަންނަން" ފެށިއެވެ. އަށާރަ ވަނަ ގަރުނުގެ ފަހުކޮޅަށް އައި އިރު، ވިޔަފާރިވެރިން ބަނގުރޫޓުވެފައިވާ އިއްޒަތްތެރިންގެ އަތުން އެމީހުންގެ އާއިލީ ނަން ގަތުން ވަނީ އާންމުވެފައެވެ.

ލީ އާއި ކިމް އަކީ ގަދީމީ ކޮރެއާގައި ރަސްކަލުން ބޭނުންކުރި ނަންނަމެވެ. މި ނަންތަކުގެ އަސްލު އައިސްފައިވަނީ ޗައިނާ އިންނެވެ. 1894 ގައި ފަންތި ތަކަށް ބެހިފައިވާ ސިސްޓަމް ކޮރެއާއިން އުވާލިއެވެ. އެހިސާބުން އެގައުމުގެ އާންމުންނަށް ވެސް އާއިލީ ނަމެއްގެ ހައްގު ލިބިދެވުނެވެ. ގިނަ މީހުން ނެގީ އެމީހުންގެ އެދުރުންނާއި ބިމުގެ ވެރިންގެ ނަމެވެ. އެހެންމީހުން އާންމު ކޮންމެވެސް އާއިލީ ނަމެއް ހިޔާރު ކުރީއެވެ. އަދި 1909 ގައި ކޮންމެ މީހެއްގެވެސް އާއިލީ ނަމެއް އޮންނަން ޖެހޭ ގޮތަށް ކޮރެއާގައި ގާނޫނެއް ފާސް ކުރީ އެވެ.

މިއަދު ކޮރެއާގެ ގިނަ ބަޔަކަށް އެމީހުން ނިސްބަތްވާ ހާންދާނު މުހިންމު ނުވިޔަސް، އާ ކިމް ތަކާއި ލީ ތަކާއި ޕާކް ތައް ދަނީ އުފަން ވަމުންނެވެ. އަދި ކޮރެއާގެ ރަށްވެހިކަން އަލަށް ހޯދާ ޗައިނާ، ވިއެޓްނާމް އަދި ފިލިޕީންސް މީހުންގެ މެދުގައިވެސް އެންމެ މަގުބޫލީ މި ތިން ނަމެވެ. އެހެންކަމުން ކުރިއަށް އޮތްތާންގައި ކިމް ތައް އަދިވެސް ވާނީ އިތުރެވެ.

ދުނިޔޭގެ އެހެން ހިސާބުތަކުގައި އެންމެ އާންމު ނަންތަކަށް ބަލާއިރު، ރަޝިޔާގައި އެންމެ އާންމު ނަމަކީ އެލެގްޒެންޑަރ އެވެ. ޗައިނާގައި ވެއި އެވެ. މެކްސިކޯގައި ސެންޓިއޭގޯ އެވެ. މުސްލިމް ދުނިޔޭގައި މުހަންމަދެވެ.