ބޭރު ކުޅިވަރު

ވޯލްޑް ކަޕް ބޮއިކޮޓްކުރަން އިންގްލެންޑް އިން ތާއީދުކުރޭ

ފީފާގެ ރައީސްގެ މަގާމަށް ފަސް ވަނަ ދައުރަކަށް ޖޯސެޕް ބްލެޓާ އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ޔުއޭފާ އިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ހުށަހަޅައިފި ނަމަ އެކަމަށް ތާއީދުކުރައްވާނެ ކަމަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަންގެ ރައީސް ގްރެގް ޑައިކް ވިދާޅުވެއްޖެ އެވެ.

ޔޫރަޕްގެ ގިނަ ގަައުމުތަކުން ބްލެޓާ އަށް ދެކޮޅަށް ނިކުތް ނަމަވެސް، ބްލެޓާ ވަނީ ހުކުރު ދުވަހު އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ބްލެޓާ 133 ވޯޓު ހޯއްދެވިއިރު، ޕްރިންސް އަލީ އަށް ލިބިވަޑައިގަތީ 73 ވޯޓެވެ. ފުރަތަމަ ބުރުގެ ވޯޓުގެ ތިން ބައިކުޅަ ދެ ބައި އެއްވެސް ކެނިޑޭޓަކަށް ނުލިބުނުން ދެވަނަ ބުރަކަށް ދާން ޖެހުނު ނަމަވެސް، ދެވަނަ ބުރަކަށް ނުގޮސް ޕްރިންސް އަލީ އިންތިހާބުން ވަކިވެވަޑައިގަތުމުން ބްލެޓާ ވަނީ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ބްލެޓާ އިތުރު އަހަރު އަހަރަށް ފީފާގެ ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ޖޫން މަހުގެ ހަ ވަނަ ދުވަހު ޔުއޭފާ އިން ބާއްވާ ބައްދަލުވުމުގައި އެ އިދާރާ އިން ދެން އަމަލުކުރާނެ ގޮތަކާމެދު ގޮތެއް ނިންމާނެ އެވެ. ވޯލްޑް ކަޕް ބޮއިކޮޓްކުރުމުގެ ވިސްނުމެއް ޔުއޭފާ އިން ގެންގުޅޭ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ.

"އަހަރެމެން އެކަނި ވޯލްޑް ކަޕް ބޮއިކޮޓްކޮށްގެން ކުރާނެ ފައިދާއެއް ނެތް. އެކަމަކު ޔޫރަޕްގެ އެހެން ގައުމުތަކުން ވޯލްޑް ކަޕް ބޮއިކޮޓްކުރަން ބޭނުންވެއްޖެ ނަމަ، އެކަމަށް ތާއީދުކޮށް އަހަރެމެން ވެސް އެކަމުގައި ބައިވެރިވާނަން،" ޑައިކް ވިދާޅުވި އެވެ.

ޑައިކް ވިދާޅުވީ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ފާޑުކިއުންތައް އަމާޒުވެފައިވާ ފީފާ އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ބްލެޓާ އަކީ އެ އިދާރާ ހިންގުމަށް އެންމެ އެކަށީގެންވާ ފަރާތެއް ނޫން ކަމަށެވެ.

"ބްލެޓާ އެ މަގާމުގައި މާ ގިނަ ދުވަސް ހޭދަކޮށްފި. ބްލެޓާ އަށް މިހާރު ފީފާ ހުރި މައްސަލަތަކެއް ހައްލެއްނުކުރެވޭނެ. އިންތިހާބުގެ ކުރިން އިސްތިއުފާ ދިނުން އޭނާ އަށް އޮތް އެންމެ ރަނގަޅު ގޮތަކީ،" ޑައިކް ވިދާޅުވި އެވެ. -- ބީބީސީ