ހަބަރު

12 ދާއިރާއަކުން ރައީސް ޔާމީންއާ ދެކޮޅަށް ނުކުތީ ބަތޮލުން: އިދިކޮޅު

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިންގާ ކޮރޮޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން މަޖިލީހުގެ 12 ދާއިރާއަކުން ނިކުންނެވީ ބަތަލުން ކަމަށާއި އެ މެންބަރުންގެ ބޮލުގައި ސަރުކާރުން އަޅުއްވަނީ ދޮގު އިލްޒާމްތަކެއް ކަމަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.

ގުޅިފައިވާ ޕާޓީތަކުން މިހެން ބުނި އިރު އިންތިހާބުވީ ޕާޓީއަކުން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ހުކުމެއް ކުރިތާ މިއަދަށް އެއް އަހަރުވީ އެވެ. އޭގެ ފަހުން އެ 12 މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ކަނޑައަޅާ އެ މެންބަރުންނަށް މަޖިލީހަށް ވަނުމަށް ފުރުސަތު ނުދެ އެވެ. އަދި 60،000 މީހުންގެ އަޑު މަޖިލީހުން ވަނީ ކެނޑިފަ އެވެ.

އިދިކޮޅު ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުވަސްތަކެއް ވަންދެން ސަރުކާރަށް ތާއީދު ކުރެއްވުމަށްފަހު، ސަރުކާރުން ކުރާ ގާނޫނާ ހިލާފް ކަންކަން ހުއްޓުވުމަށްޓަކައި، ރާއްޖޭގެ ގާނޫނު އަސާސީ ނަގަހައްޓާ ރައްޔިޔުންގެ ދިފާއުގައި ނިކުމެވަޑައިގަތް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރައްވަމުން ގެންދަވާ ނަމޫނާ ބައެއް ކަމަށާއި އެ މެންބަރުން ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ މެންޑޭޓުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ހަމައާއި އުސޫލުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމާއި ދެކޮޅަށް ހައްގުގެ މަގު އިހުތިޔާރުކޮށް އިސްލާހީ މަސައްކަތްތަށް ގާނޫނާއި އެއްގޮތަށް ފެއްޓެވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ކަމަށާއި އޭގެ ނަތީޖާ އަކަށް 12 މެންބަރުން ވެސް އެމަނިކުފާނާ ގުޅިވަޑައިގެންނެވީ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. ސަރުކާރުގެ އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި، ފަސާދައާ ދެކޮޅަށް ނިކުތީ ބަތަލުން ކަމަށާއި އެ ބަތަލުންގެ ހިތްވަރަށް ކެތް ނުކުރެވިގެން އެއްވެސް ހެއްކެ ނެތް ހުކުމްތައް އެ މެންބަރުންގެ މައްޗަައް ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"..ގިނަ މެންބަރުންތަކެއް ނުކުތުމުން ރައީސް ޔާމީނަށް އެކަންކަން ހަޖަމު ނުކުރެވި، ސަރުކާރުން ހިންގަމުންގެންދާ ކޮރަޕްޝަންތައް ހުއްޓުމަކަށް އަތުވެދާނެތީ އެ މެންބަރުން އެކި އެކި ތުހުމަތުގައި ފްރޭމްކޮށް ގާނޫނާއި ގަވައިދުގެ ބޭރުން ހައްޔަރުކޮށް ޖަލައްލުން،" ބަޔާނުގައިވެ އެވެ.

ޕީޕީއެމްއަށް އެންމެ ބޮޑު ގެއްލުމެއް ދިނީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް ކަމަށް ރައީސް ޔާމީން ވިދާޅުވި ނަމަވެސް އޭނާއަކީ ޕީޕީއެމްގެ އުފެއްދުމުގައި އެންމެ އިސްދައުރު އަދާކުރެއްވި މެންބަރެއް ކަމަށާއި ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ވެސް ބޮޑު މެޖޯރިޓީއަކުން ކާމިޔާބު ކުރެއްވި ބޭފުޅެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުންޏެވެ. ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ހިންގުމާ ހަވާލުވެ ހުންނެވި ރައީސް ޔާމީން ވަނީ އެތަށް މެންބަރުންގެ ހައްގުތައް ނިގުޅައިގެންފައި ކަމަށާއި ފަސް އަހަރުވީ އިރު އެ ޕާޓީގެ ކޮންގްރަސްއެއް ބާއްވާފައި ނުވާ އިރު ބޮޑު ޕީޕީއެމްއަށް ބޮޑު ގެއްލުމެއް ދިނީ ރައީސް ޔަމީން ކަމަށް ވެސް އެ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ސަރުކާރުން ހިންގާ ޖަރީމާތަކުގެ ބަދަލު 12 މެންބަރުންނާއި ހައްޔަރުކޮށްފައިވާ ސިޔާސީ ފަރާތްތަކުގެ ފަރާތުން ބަދަލު ހިފާނީ ވޯޓުން ކަމަށާއި 12 ދާއިރާއަށް ވަޑައިގެން ރައީސް ކޮންމެ ވާހަކައެއް ދެއްކެވިޔަސް ވޯޓުން ބަލި ކުރައްވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބު ކުރާނީ ރައީސް ޔާމީނާއި ސަރުކާރު ލަދު ގަންނަ ވަރުގެ ތަފާތުބޮޑު ނަތީޖާއަކުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.