ޕީޕީއެމްއިން ވަކިވެވަޑައިގަތް ރައްޔިތުންް މަޖިލީހުގެ 13 މެންބަރެއްގެ ގޮނޑި ގެއްލުވާލުމުގައި ހުރިހާ އިސް މަސައްކަތްތަކެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވުމާ ގުޅިގެން އެ މެންބަރުންގެ ފާޑުވިދާޅުވުން ވަރަށް ބޮޑަށް އަމާޒުވެއްޖެ އެވެ.
ރައީސް ޔާމީން މިއަދު ގދ. ތިނަދޫގައި ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި މިވަނީ އެ މެންބަރުންނާ ހެދި ކަމަށާއި ޕީޕީއެމް ނިކަމެތިކޮށްލި އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އެއްވެސް ހަމްދަރުދީއެއް ނޯންނާނެ ކަމަށެވެ. ރައީސްކަމުގައި ހުންނެވިހާ ދުވަހަކު އެ ނިކަމެތިކަން ކުރިމަތި ކުރުވި މީހުންގެ މައްސަލަ އެއްގޮތަކަށް ވެސް ދޫކޮށް ނުލައްވާނެ ކަމަށެވެ. ޕީޕީއެމް ދޫކޮށްލާފައި ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރި ހުރިހާ މެންބަރުންގެ ގޮނޑި ގެއްލުވާލަން އެންމެ އިސް މަސައްކަތެއް އެމަނިކުފާނު ކުރެއްވީ ވެސް އެ ސަބަބާ ހެދި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވިއިރު އެ މެންބަރުންގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާންކޮށްފަ އެވެ. އެގޮތަށް އިއުލާން ކުރީ ބަންޑާރަ ނައިބު އޮފީހުން ހުށަހެޅި ދުސްތޫރީ މައްސަލައެއްގައި ސުޕްރީމް ކޯޓުން އިއްވި ފްލޯ ކްރޮސިން ހުކުމަށް ރިޔާއަތްކޮށްގެންނެވެ.
އެކަމަށް ފާޑުވިދާޅުވެ އެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ އަހުމަދު ވިދާޅުވީ، ރައީސް ޔާމީން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ނުހައްގުން ކަންކަން ކުރައްވާކަން ހާމަވެފައިވާ ކަމަށެވެ. އެމަނިކުފާނު ވަނީ ގާނޫނު އަސާސީއާ ވެސް ހިލާފުވެވަޑައިގެންފަ ކަމަށެވެ.
އަބްދުﷲ ވިދާޅުވި ގޮތުގައި މެންބަރުންގެ ގޮނޑިތައް ގެއްލުވާލީ ރައީސް ޔާމީން ކަމަށް އަމިއްލަފުޅަށް އިއުތިރާފުވެ ވަޑައިގެންނެވުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ސިއްކަ ޖެހިގެން ދާނެ ކަމެއް ކަމަށެވެ. އޭނާ ރައީސް ޔާމީނާ ދުރަށް ވަޑައިގެންނެވީ ރައްޔިތުން އެދުމުން ކަމަށާއި އެހެންވެ ރައީސް ޔާމީނަށް މާފު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން މަޑުއްވަރީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ މުހައްމަދު އަމީތު ވިދާޅުވީ، ރައީސް ޔާމީންގެ އެ ވާހަކައިން ސިޔާސީ ފަރާތްތަކުގެ މައްސަލަތަކަށް އަތް ބާނާ މިންވަރު ހާމަވާ ކަމަށެވެ. އަދި ރައީސް ޔާމީން އެކަން ކުރެއްވި ކަމަށް އިއުތިރާފުވެވަޑައިގަންނަވާއިރު އެއީ ކޮން ގާނޫނެއްގެ ދަށުން ކުރެއްވި ކަމެއްކަން ސާފުކޮށް ދެއްވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަމީތު ވިދާޅުވި ގޮތުގައި އެއް އަހަރަށްވުރެ ގިނަ ދުވަހަށް މެންބަރުން މަޖިލީހަށް ނުވައްދާ ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ. އެއީ ރައީސް ޔާމީންގެ ނުފޫޒު ހުރި މިންވަރު ކަމަށެވެ.
އިލެކްޝަން ކޮމިޝަނުން ދިއްދޫ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅާފައިވާ އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ އެ ވާހަކަތައް ތަހުގީގު ކުރަންޖެހޭ ކަމަށެވެ. އަދި ފިޔަވަޅު ވެސް އަޅަންޖެހޭ ކަމަށެވެ. ރައީސް ޔާމީން ހިންގެވީ ޖަރީމާއެއްކަން ސިފަ ކުރައްވަމުން ލަތީފު ވެސް ވިދާޅުވީ މިއަދު އެ މައްސަލަތައް ނުބެލުނު ނަމަވެސް މައްސަލަތައް ބެލޭނެ ދުވަސް އަންނާނެ ކަމަށެވެ.
ތިނަދޫއަށް ނިސްބަތްވާ ސައުދުﷲ ހިލްމީ ވިދާޅުވީ، ރައީސް ޔާމީން ތިނަދޫގައި އެހާ ކޯފާވެ ވާހަކަފުޅު ދެއްކެވީ އެމަނިކުފާނަށް މަރުހަބާ ކިޔުމަށް ތިނަދޫއިން މަދު ބަޔަކު ނުކުތުމުން ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާމް ކުރަން ގަޑިއިރެއް ހޭދަވި ކަމަށާއި ނަމަވެސް ރައީސް ސަލާމް ކުރައްވައި 20 މިނެޓް ތެރޭގައި ނިމުންކަން ސައުދުﷲ ފާހަގަ ކުރެއްވި އެވެ.
ސައުދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލުވާލުމުގެ ހައްގެއް ރައީސް ޔާމީނަކަށް ނޯންނާނެ ކަމަށާއި އެކަމަށް ރައީސް ޔާމީން އިއުތިރާފުވެވަޑައިގެންނެވުމުން ޝުކުރު ދަންނަވާ ކަމަށެވެ.