ބޮލީވުޑް

"ސަންޖޫ" 500 ކްރޯޑު ކުލަބަށް

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ތައްޔާރުކޮށް ގެނެސް ދިން ފިލްމު "ސަންޖޫ" މިދިޔަ މަހު 29 ގައި ސިނަމާތަކުގައި ދައްކަން ފެށީއްސުރެ އަންނަނީ [ބޮކްސް އޮފީހުގައި އެތައް ރެކޯޑުތަކެއް ގާއިމް ކުރުމުންނެވެ.

ސިނަމާތަކުގައި ދައްކަމުން އަންނަތާ މިއަދަށް 17 ދުވަސްވީއިރު މިހާރު މި ފިލްމަށް ވަނީ 500 ކްރޯޑުގެ އާމްދަނީއެއް ލިބިފަ އެވެ. ބޮލީވުޑްގެ މަޝްހޫރު ޓްރޭޑް އެނަލިސްޓު ތަރަން އަދާޝް ވަނީ ޓުވިޓާ މެދުވެރިކޮށް މި ހަބަރު ކަށަވަރުކޮށްދީފަ އެވެ.

މި ފިލްމަކީ 500 ކްރޯޑު ކުލަަބަށް ލިބުނު އިންޑިއާގެ ހަތަރު ވަނަ ފިލްމެވެ. މި ކުލަބުގައި މިހާރު އޮތް ފިލްމުތަކަކީ އެސްއެސް ރާޖުމޯލީގެ "ބަހުބާލީ 2" (1416 ކްރޯޑު)، އާމިރް ޚާންގެ "ދަންގާލް" (587 ކްރޯޑު) އަދި "ބާހުބަލީ 1" (518 ކްރޯޑު) އެވެ.

ތަރަން ކުރި ޓުވީޓް.

ރާޖްކުމާރް ހިރާނީ ޑައިރެކްޓުކުރި މި ފިލްމު 500 ކްރޯޑު ކުލަބަށް ވަނީ ހަމަ އޭނާ ޑައިރެކްޓުކުރި އެހެން ފިލްމެއް ފަހަތަށް ޖައްސާލުމަށްފަހު އެވެ. އެއީ އާމިރް ޚާން ފެނިގެންދިޔަ ފިލްމު "ޕީކޭ" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ 489 ކްރޯޑުގެ އާމްދަނީއެކެވެ.

"ސަންޖޫ" ގައި ސަންޖޭގެ ރޯލުން ފެނިގެންދަނީ ރަންބީރް ކަޕޫރެވެ. ފުރަތަމަ ދުވަހުގެ ފިލްމު ރިވިއުތަކަށް ބަލާއިރު ރަންބީރްއަށް ގިނަ ބައެއް ތައުރީފު ވަނީ އޮހިފަ އެވެ. މި ފިލްމަށް ފިލްމުފެއާއިން ވަނީ ފަހަކުން ހަތަރު ތަރީގެ ރޭޓިންއެއް ވެސް ދީފަ އެވެ. ރޮޓެން ޓޮމާޓޯގައި ތަފާތު ރިވިއުތަކާއެކު ލިބިފައި ވަނީ 50 ފަސެންޓުގެ ރޭޓިންއެކެވެ.