ވާހަކަ

ބުނެދޭށޭރުހެމޭ

( 15 ޖުލައި 2018 އާ ގުޅޭ ) -- އެންމެން ބޭނުންކުރުމަށް ހުރި އެލެވޭޓާއަށް މިޢުވާނު އެރިއެވެ. ނިމްރާގެ އޮފީސް ހުންނަ ހިސާބެއް ވެސް އޭނާއަށް އޮޅުން ނުފިލިއެވެ. އަނެއްކޮޅުން ހޮޓެލްގެ ކޮންމެ ދިމާއެއްގައި ހުންނަނީ ކެމެރާ ހަރުކޮށްފައެވެ. ސްޓާފުންނަށް ވެސް ވަދެވެނީ އެމީހުން ބޭނުންކުރާ ފާސް ދައްކައިގެންނެވެ. އެހެންވެ މިޢުވާނު ވިސްނީ ނިމްރާ އޭނާއާ ހަމައަށް އަންނާނޭވަރުގެ ކަމެއް ކުރުމަށެވެ.

ބޭނުންވެގެން އުޅޭ ކަންތައް ނުވުމުން ރުޅި ގަދަވެފައި ހުރި މިޢުވާނުގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އެލެވޭޓާގެ ދޮރު ހުޅުވުމުން ބޭރަށް ނުކުންނަން ހިނގައިގަތީ ނޭފަތާއި ނިތްކުރިއާ ގުޅިފައި ހުރި ހިސާބުގައި ހިފަހައްޓާލައިގެން ހުރެއެވެ. އެވަގުތު ހުޅުވިފައި ހުރި އެލެވޭޓާގެ ތެރެއަށް ވަންނަން އައި އަންހެންކުއްޖެގެ ގައިގާ ޖެހެވުނީ ގަސްދުގައި ނޫނަސް ނިކަން އަވަހަށް މިޢުވާނު އިސްއުފުލާ ބަލާލިއެވެ.

"ސޮރީ..." އަޅިކުލައިގެ އޮފީސް ސޫޓެއްގައި ހުރި ޒުވާން އަންހެންކުއްޖާއަށް ބަލާލަމުން މިޢުވާނު ބުނެލިއެވެ. ބުރަސޫރަ ރީތި އަންހެންކުއްޖަކަށްވުމުން އޭނާއާ ލުއި ހިނިތުންވުމެއް މިޢުވާނު ބަދަލުކޮށްލިއެވެ.

"ބަލާލައިގެން އުޅޭނަމަ" ޝައުގުވެރިކަމެއް ފާޅުނުކުރި އެ އަންހެންކުއްޖާ އަވަސްވެލީ އެލެވޭޓާގެ ދޮރުލައްޕާލުމަށެވެ.

"ރީތި ސިފައެއް ލިބުނީމަ މި އަންހެނުން ހާދަ ބޮޑާވެއޭ ދޯ" ކުދިކިޔާލާ އުސޫލުން މިޢުވާނު ބުނެލިއެވެ. އަދި ހޮޓެލްގެ ލޮބީއިން މައިދޮރާ ދިމާއަށް އޭނާ އައެވެ.

* * * * *

އަރްސަލްއާއި ރާދިންގެ އިތުރުން އެ ކެބިންގައި އެވަގުތު އިން ޒިވަންގެ ސަމާލުކަން ދޮރުހުޅުވާލައިފައި އެތެރެއަށް ވަން އަޅިކުލައިގެ އޮފީސް ސޫޓެއްގައި ހުރި އަންހެންކުއްޖާއަށް ހުއްޓުނެވެ. ތިން ޒުވާނުން ވެސް އެއްފަހަރާ ތިބީ އެ ދިމާއަށް ބަލަހައްޓައިގެންނެވެ.

"ވައި އާ ޔޫ ހިއާ" އަރްސަލްގެ އަޑުގައިވީ އެކުވެރިކަމެއްނޫނެވެ. އަރްސަލްގެ މި ޢަމަލުން ޒިވަންގެ ނަޒަރު އަރްސަލްއާ ދުރަށް އެ ކެބިންގެ ދޮރުން ވަދެ ހުރި އަންހެންކުއްޖާއަށް ދަތުރުކޮށްލިއެވެ. އެ އަންހެންކުއްޖާގެ މޫނުމަތިން ރަކިވުމުގެ އަސަރު ފާޅުވެގެންދިޔަ ނަމަވެސް އެ އަސަރުތައް އޭނާ ނުހަނު ފަސޭހައިން ފަރުދާކޮށްލީ ހިތްދަމައިގަންނަ ފަދަ ހިނިތުންވުމަކުންނެވެ. އެކަން ޒިވަންއަށް ފާހަގަވިއެވެ.

"ކީފާ... ކަމަކުތަ؟" ރާދިން އަހާލިއެވެ.

"އަހަރެންގެ ބޭނުން ކެނޑުނީމާ އެއްފަރާތްކޮށްލީ ދޯ... މިއަދުދެން އިތުރު ކޭސްއެއްނެތީމަ ހިތަށް އެރީ ތި މީހުންގެ ޚަބަރެއް ބަލާލަން އަންނާނީއޭ، އަހަންނަށް ގުޅާ ވެސް ނުލަމެންނު" ކީފާ އެތެރެއަށް ވަދެގެން އައިސް އަރްސަލްގެ މޭޒު ކައިރީ ހުރި ގޮނޑީގެ ތެރޭ އަތުގައި އޮތް ލެދަރު ބްރީފްކޭސް ބެހެއްޓިއެވެ. އަދި ރާދިންއާއި އަރްސަލް ފެންނާނޭހެން އެއްފަރާތަށް ގޮނޑި އަނބުރާލާފައި އިށީނެވެ.

"އައި ހޭވް ޓު ގޯ... ސީ ޔޫ ލޭޓާ ގައީޒް" ޒިވަން ތެދުވެ ފަޓުލޫނު ޖީބަށް ދެއަތްތިލަ ކޮއްޕާލިއެވެ. ރާދިންއާއި އަރްސަލްއަށް ވަކިވަކިން ބަލާލުމުން އެ މީހުން ވެސް ބޯޖަހާލީ ޒިވަން ދިއުމުގެ ހުއްދަ ދިނުމުގެ ގޮތުންނެވެ.

"އަހަރެން ނުދެކެން ތީ އެކުވެރިއެއްކަމަށް، ކީފާ ހީކުރީ އަހަންނަށް އަލްޒައިމާ ނޫނީ ޑިމެންޗަރ ބަލި ޖެހިފައި ހުރީކަމައްތަ؟ އަހަރެން ހަނދާނެއް އަދި ނުނެތޭ، އެކުވެރިކަމަކީ ކޮބައިކަން ކީފާއަކަށް ނޭނގޭ. ސޯ ސްޓޮޕް ބޮދަރިން އަސް" ޒިވަން ނުކުމެ ކެބިންގެ ދޮރު ލައްޕާލިތަން ބަލަން އިނދެފައި އަރްސަލް ބުނެލިއެވެ.

"ކީފާ، އަރްސަލްއަކީ އަހަރެންގެ ޕާޓްނާރ... މި ބިޒްނަސްގައި އޭނާއާ ދެކޮޅަށް އަހަރެން އެއްވެސް ކަމެއް ނުކުރާނަން، ލީގަލް އެހީ ކީފާގެ ފަރާތުން ދެން އަހަރެމެން ބޭނުމެއްނުވޭ، އަހަރެމެންގެ ދެމެދުގައި ކޮންޓްރެކްޓެއް ވެސް ހެދިފައެއްނޫނެއްނު އޮތީ، ހަމައެކަނި އޮތީ މި ކުންފުންޏާ ގުޅުނުކަމުގެ ލިޔުމެއް، އަހަރެމެން ބޭނުން ދުވަހަކުން ލޯޔަރ ބަދަލުކުރެވޭނެ އެހެންވީމަ، ހަޤީޤަތުގައި އެރޭ އެކުރި ކަންތައްކުން އަހަންނަށް ވެސް ކީފާއަށް އިތުބާރެއްނުކުރެވޭ، އަރްސަލް އެހާ ސާފުކޮށް ބުނިއިރު އެއާ ދިމާ އިދިކޮޅަށް ކީފާ ކަންތައްކުރީ، މީ ދޮގެކޭ ބުނެވޭކަށް ކީފާއަކަށް ވެސް ނޯންނާނެ، ބަޓް ދެޓްސް އިޓް... ޓްރަސްޓް ނުކުރެވޭ މީހަކު އަހަރެމެންގެ ވިޔަފާރީގައި ބައިވެރިއެއްނުކުރެވޭނެ، ލިޔުން އޮތީ ތައްޔާރުވެފައި، އަރްސަލްއާއި އަހަރެން ސޮއި ވެސް ކޮއްފައި... މިއަދު އައިސް އިނީމަ ދެން ދާންވާނީ އެ ލިޔުން ވެސް ހިފައިގެން" ރާދިން ވާހަކަދެއްކީ މަޑުމައިތިރިކޮށް ކަމަށްވިޔަސް އޭނާގެ އަޑުގައި ވެސް ހިސާބެއްގެ ހިތްހަމަނުޖެހުންވިއެވެ.

"ނޯ! ޔޫ ކާންޓް ޑޫ ދިސް ޓު މީ... އަހަރެން ބުނިން ދޯ ކަންތައްވީގޮތް، އަހަރެން ވެސް އެ ރެއަށް ހާދަ ތައްޔާރީއެއްވީމޭ، ހެދުން އޯކޭ ނުވީމަ ނައިސް ހުންނަން އެއީ އޮޕްޝަނެއްނޫން، މީހަކަށް ކަމެއް ދިމާވެދާނެ ދޯ... އައި ވޯޒް ސޯ ހެޕީ، އެހާ ދުވަސްފަހުން އަހަރެމެން އަލުން ބައްދަލުވީމަ، އެކުގައި މަސައްކަތް ކުރާނޭ ފުރުޞަތު ލިބުނީމަ... އަހަރެން ދުވަހަކުވެސް ރާދުއާއި އަރްސަލްގެ މި ކުންފުންޏަށް ގެއްލުމެއްވިޔަކަނުދޭނަން، އައި ޕްރޮމިސް" ރާދިންދެއްކި ވާހަކަ ޤަބޫލުކުރަން ކީފާއަށް އުނދަގޫވީއެވެ. އަމިއްލަ ދިފާއުގައި އޭނާ ވާހަކަދެއްކީ އަވަސްއަވަހަށް ނަމަވެސް ވާހަކަދެއްކުމުގައި އަޅައިގަންނަ ފަދަ ގޮތެއް ހުއްޓެވެ.

"ކަމޯން ގައީޒް... ޑޯންޓް ޑޫ ދިސް، ލައިގެން ހުރި ހެދުމެއްގެ ސަބަބުން ކުރާ މަސައްކަތާ އެއްވަރެއްނުކުރެވޭނެ، އެހެންވެއްޖެނަމަ ތި ދެ މީހުންގެ ވިސްނުމުގެ ދާއިރާ ވަރަށް ހަނި، ދިސް އިސް ރިއަލީ އަންފެއާ" ކީފާ ދެއަތް އުފުލާލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

"އިޓްސް އެން އަންފެއާ ވޯލްޑް، ވަކީލަކަށް ކަންނޭނގެ އެންމެ ރަނގަޅަށް އެކަން އެނގޭނީ" އަރްސަލް ބުނެލީ ކިތަންމެ އާދައިގެ ގޮތަކަށްވިޔަސް ކީފާއަށް ހީވީ މަލާމާތެއްކޮށްލި ހެންނެވެ.

"މިހާރު އެނގިއްޖެ، އެ އަންހެނާއާ އަރްސަލް ތިހުރީ ހަމަ ރަނގަޅަށް ވެސް ހިތާވެފައިކަން، އަހަރެން ދުށީމޭ ހަލަފް ކޮށްފައި ހުރި އިންސްޓަގްރާމް ފޮޓޯތައް، ޕެންޓްހައުސްގަ އެ ރަކެލް ބަހައްޓައިގެންނު ތިއުޅެނީ، ނުވިތާކަށް އޮފީހުން ވަޒީފާ ވެސް ދީގެން، ތީ ދެން ބޮޑުވަރެއްނޫންތަ" ނުރުހުނުވަރުން ކީފާއަށް ވާހަކަދެއްކުނީ ތަންކޮޅެއް ބާރަށެވެ.

"އަހަރެން ނުދެނަހުރިން ކަންކަން ނިންމުމުގެ ކުރީން ކީފާއާ މަޝްވަރާކުރަން ޖެހޭނެކަމަކަށް، ޔޫ އާ ކްރޮސިންގް ދި ލައިން ހިއާ... ބެޓާ ވޮޗް ޔޯ މައުތް" އަރްސަލް ހަރުކަށިކަމާއެކު ބުނެލިއެވެ.

"ކީފާ!... މިވަގުތައް އިހަށް ދިޔައީވިއްޔާ ރަނގަޅުވާނީ" އަރްސަލްއާއި ކީފާއާ ދެމެދު ވެވޭ ދެބަސްވުން ހޫނު ނުވަނީސް ރާދިން ބުނެލިއެވެ. އަދި ގޮނޑިން ތެދުވެގެން އައިސް ކީފާ ގާތު މަޑުކޮށްލަމުން އަތުން އިޝާރާތްކޮށްލީ ކެބިންގެ ދޮރާ ދިމާއަށެވެ. ދަތްކުނޑިވިކާލުމާއެކު ކީފާ ބެހެއްޓި ދަބަސް ގޮނޑީގެ ތެރެއިން ނެގިއެވެ. އަދި ވައިސޫރިއެއްހެން ކެބިންއިން ނުކުމެއްޖެއެވެ. އޭނާގެ ފަހަތުން ރާދިން އައެވެ.

"ވައި ވޯންޓް ހީ އެކްސެޕްޓް މީ... ރާދު! ޔޫ އާ ހިޒް ބެސްޓްފްރެންޑް، ޖަސްޓް ޓެލް މީ ޕްލީޒް، އަހަރެންގެ ހުރީ ކޮން އުނިކަމެއްތަ؟" އޮފީސް ބައިން ނުކުމެ ހުސްކޮށް އޮތް ކޮރިޑޯގައި ފާރުގައި ލެނގިލައިގެން ކީފާ ހުއްޓެވެ. އޭނާގެ ކުރިމައްޗަށް ހުރީ ފާރު ކައިރީ ރާދިން މަޑުކޮށްލައިގެން ހުއްޓެވެ.

"އެކަކަށް ވެސް އަނެކަކުގެ ހިތުގެ މައްޗަކަށް ބާރެއްނުފޯރުވޭނެ، އަމިއްލަ އިޚްތިޔާރުން ބޭރުގައި އުފެދޭ އިޙްސާސެއްގެ މައްޗަށް ހަސަދުވެރިވެގެން ލިބޭނީ ކޮން ފައިދާއެއް، ކީފާއަށް އަރްސަލް ކަމުދިއުމަކީ އަރްސަލްއަށް ވެސް ކީފާ ކަމުދާން ޝަރުތުކުރާކަމެއްނޫން، ސޯ ސްޓޮޕް ބްލޭމިންގް އަދާސް އެންޑް ބީން މިޒްރެބަލް... ޑެސްޕަރޭޓްވެގެން ނޫޅުނަސް ލިބެން ހުރި އެއްޗެއް ލިބޭނެ، ލިބެންނެތް އެއްޗެއް ކިތަންމެ ވަރަކަށް ހޯދަން އުޅުނަސް ނުލިބޭނެ، އަރްސަލް ނޫން ކިތަންމެ ފިރިހެނުންނެއް ދުނިޔޭގައި އެބައުޅޭ، ކީފާދެކެ ލޯބިވާނޭ މީހަކު ލިބުމުން އެ މީހާދެކެ ކީފާއަށް ވެސް ލޯބިވެވިދާނެ... ކެތްތެރިކަމާއެކު އެވަގުތައް އިންތިޒާރުކުރުން މާރަނގަޅުވާނެ ތިހެން އުޅުމަށްވުރެ" ރާދިން ބޭނުންވީ ޒަމާންވީ އެކުވެރިއަކަށް ކީފާ ވާތީ އޭނާއަށް ވިސްނައިދޭށެވެ.

"އައި ކާންޓް ގިވް އަޕް އޮން ހިމް... އައި ވޯންޓް... އަރްސަލް ނޫން މީހަކު އަހަންނަކަށް ކަމަކު ނުދާނެ، އައި ޑޯންޓް ކެއާ ދުނިޔޭގެ ހުރިހާ ފިރިހެނުން އަހަރެން ބޭނުންވެގެން އުޅުނަސް، އައި އޮންލީ ވޯންޓް ހިމް، އޮންލީ ހިމް... ނޯވަން އެލްސް" ލޮލުން ފާއްދާލި ކަރުނަތައް އަވަސްއަވަހަށް ފުހެލަމުން ކީފާ ހިނގައިގަތީ އެލެވޭޓާއަށް އަރާށެވެ. ރާދިން ހުރިފިޔަވަޅުމަތީ ހުއްޓިލައިގެން ހުރީއެވެ. އެހާ ފާޅުކަން ބޮޑުކޮށް އެހާ ޔަގީންކަމާއެކު ކީފާ ބުނި ޖުމްލަތަކުން ރާދިންގެ ހިތަށް ވެސް މިފަހަރު އުނދަގޫވީއެވެ. އޭނާއަށް އަރްސަލްގެ ހިތުގައި މޫލައި ފޯދެމުން އަންނަނީ ކާކުގެ ޚިޔާލުތަކެއްކަން އެނގޭތީއާކުވެސް މެއެވެ. އަރްސަލްގެ އުފާވެރިކަން މުހިންމުވާއިރު ރާދިންއަށް މިހާރު ނިމްރާގެ އުފާވެރިކަން ވެސް މުހިންމެވެ. ފުންކޮށް ދިގު ނޭވާއެއް ދޫކޮށްލުމާއެކު ޚިޔާލުތައް އެއްފަރާތްކޮށްލާ އިސްތަށިގަނޑު ރީތިކޮށްލަމުން ރާދިން ހިނގައިގަތީ އެނބުރި އޮފީހަށް ވަންނާށެވެ.

ހަވީރު އޮފީސް ނިންމާފައި ގެއަށް ދާން އުޅުނު ގަޑީގައި ވާރޭ ވެހެން ފެށުމުން އަރްސަލްއާއި ރާދިން ނިންމީ ނިމްރާއާއެކު ވަގުތު ހޭދަކޮށްލާފައި ގެއަށް ދާށެވެ. އެހެންވެ އެ މީހުން ނިމްރާގެ ކެބިންއަށް އައިސް ވަނެވެ. ނަމަވެސް އެތަނުގެ ތެރެއިން ފެނުނީ އީވާ އެކަންޏެވެ. އޭނާ ވެސް އޭރު ދާން ތައްޔާރުވަނީއެވެ.

"ވެއާ އިޒް ޝީ؟" އަރްސަލް އަހާލިއެވެ. އޭނާގެ ވާހަކަދެއްކުމުގައި ހުންނަ ހަރުކަށިގޮތުން އީވާ ވެސް ޖެހިލުންވެއެވެ. އޭނާއަށް އަރްސަލް ފެންނައިރަށް ވެސް ކައްޓެއްހެން މީހާ ސީދާވެލައި ސަމާލުކަމަށް އާދެވެނީ ވެސް އެހެންވެއެވެ.

"ނިމް... މޭމް... ތަންކޮޅެއްކުރިން ދުރުވެއްޖެ... މީ... ޝީ ވޯޒް ނޮޓް ފީލިންގް ވެލް" އަޅައިގަންނަމުން ވިޔަސް އީވާ ފުރިހަމަކުރަން ދެން އަރްސަލް މަޑުކޮށްލައިގެން ހުއްޓެވެ.

"ޔޫ ޝުޑް އޯލްސޯ ގޯ ނައު... އިޓްސް ޕޯރިންގް" ވާރޭވެހޭކަން އަރްސަލް އަންގާލިއެވެ. އެއާއެކު އަވަސްއަވަހަށް އީވާ ބޯޖަހާލިއެވެ. އަރްސަލް ކެބިންއިން ނުކުތުމާއެކު ހިފެހެއްޓިފައި ހުރި ނޭވާ އީވާ ދޫކޮށްލަމުން ލޯ މަރާލިއެވެ. އޭނާ އެހާ ހާސްވާންވީ ސަބަބެއް ޚުދު އޭނާއަކަށް ވެސް ނުވިސްނެއެވެ. ރާދިންއާ ވާހަކަދައްކާއިރު އެފަދަ ޖެހިލުންވުމެއް އީވާއަކަށް އިޙްސާސެއް ނުކުރެވެއެވެ.

ޕެންޓްހައުސްއަށް ރާދިންއާއި އަރްސަލް ވަންއިރު މީހަކު ފެންނާކަށް ނެތެވެ. ބަދިގޭ ކައުންޓަރު މަތީ ހޫނުކަމުން އާވިއަރައަރާ ހުރި މަގެއް ފެނުމުން ރާދިން އައިސް އެ ނަގައި ނޭފަތާ ކައިރިކޮށްލައިފިއެވެ. ދުވިވަހުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިއުމާއެކު މަގުގައި ތުންޖަހާ އެތިފޮދެއް ބޯލައިފިއެވެ. އަދި އެ ހިފައިގެން އައިސް ސޯފާގައި އިށީނދެއްޖެއެވެ.

"ރާދު!..." އަރްސަލް އެއްމުބަ ހިއްލާލަމުން ސުވާލުގެ ނަޒަރަކުން ބަލާލިއެވެ.

"އިޓްސް ހޮޓް ޗޮކްލެޓް... ދެން ނުލިބޭނެ، އެ މަގު އަހަރެން ފެނުނީމަ ގޮވީއޭ ބޯލަން އަންނާށޭ، ހައު ކޭން އައި އެވޮއިޑް ކޯލިންގް ޗޮކުލެޓް" ރާދިން ލާނެތް ހިންޏެއް އައިސްފައި އިނދެ ބުނެލިއެވެ.

"އަންނާނަން ކޮބާތޯ ބަލާފައި" އަރްސަލް މިހެން ބުނެ ނިމްރާގެ ކޮޓަރިއަށް ދާން ހުރި ސިޑިއާ ދިމާއަށް ހިނގައިގަތެވެ. ރާދިން އޭނާ ބުނި އެއްޗަކަށް މާބޮޑު ފަރުވާއެއް ނުބަހައްޓާ ޓީވީ ހުޅުވާލަމުން ކަރުގައި އޮތް ޓައީ ނަގައި ސޯފާގައި ހަމަޖެހިލިއެވެ.

ނިމްރާގެ ކޮޓަރިއަށް އަރްސަލް ވަންއިރު ތަޅުމުން ފެށިގެން ސީލިންގާއި ހަމައަށް ހުރި ކުޑަދޮރުގެ ބްލައިންޑްތައް ކުޑަކޮށް އެއްފަރާތްކޮށްލައިގެން ބޭރު ބަލަން ނިމްރާ ހުއްޓެވެ. އެއްފައިމައްޗަށް ބުރަވެލައިގެން ހުރިއިރު ވާގިދޫކޮށްލައިގެން ހުރި ވައަތުފައި ގެނެސް ކަނާތުފައިގެ ފުންނާބާ ހިސާބުގައި އަޅުވައިލައިގެންނެވެ. އަރްސަލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލީ ނިމްރާ ލައިގެން ހުރި އެއްޗެހިންނެވެ. ދޫކޮށްހުރި އަތްކުރު ޓީޝާޓުން ބުޑުގެ ބޮޑުބައެއް ނިވާވެފައި ހުރުމުން ލައިގެން ހުރި ސޯޓުކޮޅު ފެންނަނީ ކިރިޔާއެވެ. ނިމްރާގެ ފައިގެ ފަލަމަސްގަނޑުން ބޮޑުބައެއް ހާމަވެފައި އޮތްއިރު އެ ފައިގެ ބައްޓަމަށް އަރްސަލްގެ ނަޒަރު ހުއްޓުނެވެ. ނިމްރާގެ ބޮލުން ފެށިގެން ފައިގެ ފުންނާބާ ހަމައަށް ދެތިންފަހަރަށް އަރްސަލްއަށް ލޯ ހިންގާލެވުނެވެ. ހިތާއި ސިކުނޑީގެ ސަމާސާތަކުން ލުއި ގޮތަކަށް އަރްސަލްއަށް ހީނލެވުނެވެ. އިސްތަށިގަނޑުގައި އަތްފުނާއަޅާލުމާއެކު މަޑުމަޑުން ކުރިއަށް އައިސް ނިމްރާގެ ފުރަގަހުން އުނަގަނޑުގައި ހިފާލިއެވެ. ނުވިސްނާ ހުރި ނިމްރާ ތެޅިގަނެފައި ދުރަށް ޖެހުނު ގޮތުން އަރްސަލް ހައިރާންވިއެވެ.

"އިޓްސް މީ" އަރްސަލް ނިކަން އަވަހަށް ބުނެލިއެވެ.

"މިތާ ކީއްކުރަނީ؟" ދުވެފައި އައިސް އެނދަށް އަރާ ރަޖާގަނޑުދަށަށްލައި ފައިކޮޅު ނިވާކުރަމުން ނިމްރާ ސުވާލުކުރިއެވެ. އަރްސަލް ކަރުގައި އޮތް ޓައީ ނަގައި ކޮޓަރީގައި ހުރި "ޝެއިޒް ލައުންޖް" މައްޗަށް އެއްލުމަށްފަހު ކަރުގޮށާއިއެކު ތިރިން ދެގޮށް ނައްޓާލުމާއެކު އަތްކުރި އޮޅާލިއެވެ. އަދި ކުރިއަށް ފިޔަވަޅު އަޅަމުން އައިސް ނިމްރާގެ އެނދުމައްޗަށް ވެއްޓިގަތެވެ.

"ކީއްވެގެންތަ ތިއުޅެނީ" ނިމްރާ ނުރުހިފައި ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު އަރްސަލް މަޢުނަވީ ގޮތަކަށް ނިމްރާއަށް ބަލާލިއެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ އޮވެފައި ތެދުވެއްޖެއެވެ. ނިމްރާއާ ދިމާ ކުރިމަތިވާނޭހެން އިށީނދެ ރަޖާގައި ބާރަށް ހިފަހައްޓާލައިގެން އިން ނިމްރާގެ ދެއަތްތިލައިގައި ހިފާލިއެވެ.

"ބަލީތަ؟ މޫޑު ރަނގަޅުނޫންހެން ހީވަނީ" ނިމްރާގެ ނިތްކުރީގައި އަރްސަލް އަތްޖައްސާލިއެވެ.

"ކުޑަކޮށް ބޮލުގައި ރިއްސަނީ" އިސްޖަހާލަމުން ނިމްރާ ބުނެލިއެވެ.

"ލެޓް މީ ހޯލްޑް ޔޫ... އިޓްސް ރިއަލީ ކޯލްޑް އިން ހިއާ" އަރްސަލް ކުރިއަށް ޖެހިލާ ނިމްރާއާ ދެމެދު އޮތް ޖާގަ ނެތިކޮށްލިއެވެ. ބޭނުންނުވާ ޚިޔާލުތަކުން ސިކުނޑިއަށް ލިބިފައިވާ ބުރަކަން ނިމްރާ ވެސް ބޭނުންވީ ފިލުވާލާށެވެ. އަރްސަލްގެ އަތުގެތެރޭގައިވުމުން ދުނިޔޭގެ ހުރިހާކަމެއްގެ މަތިން އޭނާ ހަނދާންނެތޭނޭކަން އެނގެއެވެ. މަޑުމަޑުން އަރްސަލްގެ މޭގައި ނިމްރާ ލައްވެލައި ދެ ލޯ މަރާލިއެވެ. އަރްސަލްގެ ދެއަތް އޭނާ ވަށައިލައި އެ އަތުގެ ހިމާޔަތުގެތެރޭ ބާރުކޮށްލިއެވެ. އެނދުގައި އަރްސަލް އޮށޯވެލީ އޭނާގެ އަތުގެތެރޭ ނިމްރާ ހިފަހައްޓާލައިގެން ހުރެއެވެ.

"ޔޫ ވާ އިން ޑީޕް ތޯޓްސް... ސްކާލެޓް! ޕްލީޒް ބީ އޯކޭ އިނގޭ... ޑޯންޓް މޭކް މީ ވޮރީ އަބައުޓް ޔޫ" އަރްސަލް މަޑުމަޑުން ބުނެލިއެވެ.

"އައި އޭމް އޯކޭ" ނިމްރާ ބުނެލިއެވެ.

އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު އަރްސަލް ކުރު އަތްމައްޗަށް ހިއްލިލައި ނިމްރާގެ މޫނު ބަލާލިއެވެ. އިތުރު ވާހަކައެއް ނުދެކެވުނު ނަމަވެސް އަރްސަލްގެ ހަރަކާތްތަކަށް ހުއްޓުމެއްނައެވެ. ނިމްރާއަށް އިޙްސާސްކުރެވެމުންދިޔަ އަރްސަލްގެ ބީހުންތައްވީ އިތުރެވެ. އިވެމުންދިޔަ މިއުޒިކެއްފަދަ ވާރޭގެ އަޑާއެކުވަމުންދިޔައީ ދެ ހަށިގަނޑުގައި އަވަސްވެ ފުންވަމުންދިޔަ ނޭވާއެވެ. ނިމްރާގެ ހަށިގަނޑުގެ ވަނާތަކާހަމައަށް އަރްސަލްގެ ބީހުން އިޙްސާސްކުރެވުމާއެކު އޭނާގެ ހަށިގަނޑަށް ހަރުކަށިކަމެއްވެރިވެގެންދިޔައެވެ. ވަގުތުން އަރްސަލްގެ އަތުގައި ހިފެހެއްޓުމާއެކު މެރިވެފައިވާ ދެ ލޯ ނިމްރާ ހުޅުވާލިއެވެ. އަރްސަލްއާ ހަތަރުކަޅި ބައްދަލުވި ހިނދު އެ ދެލޮލުން ފާޅުވަމުންދިޔަ މަސްތުކަމުގެ އަސަރު ފެނި ނިމްރާގެ ހަށިގަނޑުގައި ހީލިކެރުވުމެއް އުފެއްދިއެވެ. ނިމްރާއަށް ބަލަން އޮތުމަށްފަހު އަނެއްކާ ވެސް އަރްސަލް ގާތްވެލިއެވެ.

"ނޯ!... ސްޓޮޕް... ޕްލީޒް ސްޓޮޕް" ނިމްރާ ބުނީ މަޑުމަޑުންނެވެ.

"އައި ވޯންޓް ޔޫ ސްކާލެޓް... އައި ޑޯންޓް ވޯންޓް ޓު ސްޓޮޕް" އަރްސަލްގެ އަޑު ވެސް ބަދަލުވެފައި ހުރި ކަހަލައެވެ. އެ އަޑުގައި ވެސް ވަނީ އެދުންވެރިކަމުގެ މަސްތުކަމެވެ.

"އަރްސަލް" ބޭއިޚްތިޔާރުގައި ނިމްރާއަށް ބުނެލެވުނެވެ. (ނުނިމޭ)