ރައީސް އަބްދުﷲ ޔާމީން ހއ އާއި ހދ ގެ ބައެއް ރަށްރަށަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.
މިއަދު ހެނދުނު ރައީސް ފެއްޓެވި އެ ދަތުރުފުޅާ ގުޅޭ ގޮތުން، ރައީސް އޮފީހުން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނޮޅިވަރަމާއި ހަނިމާދުއަށް ކަމަށާއި ދެން ހއ ހޯރަފުއްޓާއި އިހަވަންދޫ ދިއްދޫ އަދި ކެލާ އަށް ކަމަށެވެ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ރަސްމީކޮށް ރައީސް ފައްޓަވައިދެއްވާނެ އެވެ. އަދި ހއ. ހޯރަފުއްޓަށް ވަޑައިގެން ހޯރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކޮށްދެއްވާއިރު، ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ނަރުދަމާ ނިޒާމުގެ ރަސްމީކޮށް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެއިތުރުން ރައީސްގެ މި ދަތުރުފުޅުގައި ހއ. ދިއްދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ރައްކާތެރި ބޯފެނުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައި ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫ އާއި ދިއްދޫ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރައްވައި ދިއްދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތަށް ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި، އެއަށްފަހު ހއ. ކެލައަށް ވަޑައިގެން ކެލާގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، ހއ. ބާރަށަށް ވަޑައިގެން އެރަށުގައި ހަދާފައިވާ މެރީނާ ސްޓައިލުގެ ޖެޓީ ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި، ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގައި ގާއިމުކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގަ އެވެ.