ހަބަރު

ނޮޅިވަރަމްގައި ގާއިމް ކުރި ނަރުދަމާގެ ނިޒާމް ރައީސް އިފްތިތާހުކޮށްފި

Jul 17, 2018
2

ހދ. ނޮޅިވަރަމްގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރަސްމީކޮށް އިފްތިތާހުކުރައްވައިފި އެވެ.

ނޮޅިވަރަމުގައި ނަރުދަމާ ނިޒާމު ގާއިމްކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން 74.3 މިލިއަން ރުފިޔާއަށެވެ. ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރު މޭ މަހުގެ ހަވަނަ ދުވަހުގަ އެވެ. އެ މަސައްކަތް މިދިޔަ އަހަރު އޭޕްރިލް މަހު 30 ވަނަ ދުވަހު ވަނީ އެއްކޮށް ނިންމާލައިފަ އެވެ.

އެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމާއި އެކު ނޮޅިވަރަމްގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ.

އެގޮތުން ރަށުގައި ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 12 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމުކޮށްފަ އެވެ. އަދި ރަށުގެ 404 ގެއަށް ވަނީ އެ ހިދުމަތް ދީފައިވާ އިރު ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 260 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފަ އެވެ. އެ ނިޒާމު ހިންގާ ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާ އެވެ.