ތުރުކީގެ ޖެނެރަލް ޕްރޮސިކިއުޝަން އޮފީސް އޮފް ދި ސްޕްރީމް ކޯޓް އޮފް އެޕީލް އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ ތުރުކީގެ އަންކާރާގައި ހުންނަ ޖެނެރަލް ޕްރޮސިކިއުޝަން އޮފީސް އޮފް ދަ ސުޕްރީމް ކޯޓު އޮފް އެޕީލްގަ އެވެ. އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޕީޖީ އައިޝަތު ބިޝާމެވެ. އަދި ތުރުކީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެގައުމުގެ ޕީޖީ މރ. މެހްމެތު އަކާސާ އެވެ.
ޕީޖީ އޮފީހުން ބުނީ، މިއެއްބަސްވުމުގެ ދަށުން ޓެރަރިޒަމާއި ކޮރަޕްޝަންގެ ކުށްތަކާއި ބައިނަލްއަގްވާމީ ޖިނާއީ ކުށްތަކާއި އިންސާނީ ވަގުފާރިއާ މަސްތުވާތަކެތީގެ ވިޔަފާރިއާ އިކޮނޮމިކް ކްރައިމްސް އަދި ކޮމްޕިއުޓާ ކްރައިމްސްގެ ދާއިރާއިން އެއްބާރުލުން ދިނުން ހިމެނޭ ކަމަށެވެ. އަދި މައުލޫމާތު ބަދަލުކުރުމާއި ދެ ޕްރޮސިކިއުޝަން ސާވިސްގެ މުވައްޒަފުންނަށް ތަމްރީން ދިނުން ހިމެނޭ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، ރަސްމިއްޔާތުގައި ތުރުކީގެ ޕީޖީ މރ. މެހްމެތު އަކާސާ އާއި ރާއްޖޭގެ ޕީޖީ ބިޝާމް ވަނީ ދެގައުމުގެ ޖިނާއީ އަދުލުގެ ނިޒާމާއި ޕްރޮސިކިއުޝަން ސާވިސްގެ މެންޑޭޓާ ގުޅޭގޮތުން މަޝްވަރާކޮށް މައުލޫމާތު ބަދަލުކޮށްފައިވާ ކަމަށެވެ.
ތުރުކީގެ ސުޕްރީމް ކޯޓް އޮފް އެޕީލްގެ މެންބަރުންގެ ގޮތުގައި ތުރުކީގެ ޕްރޮސިކިއުޝަން ސާވިސްގެ މުވައްޒަފުންތަކެއް އިންތިހާބުވުމާ ގުޅިގެން ބިޝާމް ވަނީ އެބޭފުޅުންނަށް މަރުހަބާ ވެސް ދަންނަވާފަ އެވެ.