ހަބަރު

ދަފުތަރުގައި ޖެހެން އައިޑީކާޑް އަތެއް ނުލަން: ހައުސިން

Jul 17, 2018
2

މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވާން މިދިޔަ ބުދަ ދުވަހު ހައުސިން މިނިސްޓްރީން ހުޅުވާލާފައިވާއިރު، އެކަމަށް ރަޖިސްޓާވާން އެދޭ އެއްވެސް ފަރާތެއްގެ އައިޑީކާޑް ހައުސިން މިނިސްޓްރީއަށް ހޯދާފައިނުވާނެ ކަމަށް އެމިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިގޮތަށް ބުނެފައިވަނީ ދަފްތަރުގައި ޖެހުމަށް ފޯމްލާ މީހުންގެ އައިޑީކާޑް ހައުސިން މިނިސްޓްރީއިން އަތުލާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާތީ އެވެ.

ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޒަރީރް ވިދާޅުވީ، ދަފުތަރުގައި ޖެހެން ހައުސިން މިނިސްޓްރީއިން އައިޑީކާޑް ނުހޯދާ ކަމަށާއި އެއީ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެފަދަ ވާހަކަތަކުގައި އެއްވެސް މިންވަރެއްގެ ހަގީގަތެއް ނުހިމެނޭ ކަމަށް ޒަރީރް ވިދާޅުވި އެވެ.

"100 ޕަސެންޓާއެކު ދަންނަވަން ކެރޭ މި ޕްރޮސެސްގައި ހައުސިން މިނިސްޓްރީން ދަފުތަރުގައި ޖެހޭ އެއްވެސް ރައްޔިތެއްގެ އަތުން އައިޑީ ކާޑް ނުހޯދާނެ،" ޒަރީރް ވިދާޅުވި އެވެ.

ޒަރީރް ވިދާޅުވީ، މި މަރުހަލާގައި ދޫކުރަނީ ވަގުތީ ލިޔުމެއް ކަމަށާއި އެ ލިޔުމުގެ ބޭނުމަކީ މާލޭގެ ދަފުތަރުގައި ޖެހިގެން ފްލެޓަށްލުމުގެ ފުރުސަތު މާލޭގައި ދިރިއުޅޭ ވީހާ ވެސް ގިނަ އަތޮޅު ތެރޭގެ ބޭފުޅުންނަށް ދިނުން ކަމަށެވެ.

"އިތުރު އެހެން އެއްވެސް ކަމެއް ނުހިނގާ، މިހާޜު މީޑިއާ ތެރޭގައި ފެތުރެމުންދާ ރިސިޕްޓް ތަކަކީވެސް ފޭކް ރިސިޕްޓް ތަކެއް، ހައުސިން މިނިސްޓްރީގެ ތައްގަނޑުޖެހި ލިޔުމެއް ނުވަތަ ހައުސިން މިނިސްޓްރީގެ ރަސްމީއެއްވެސް ލިޔުމެއް އެގޮތަކަށް ނުހުންނާނެ،" ޒަރީރް ވިދާޅުވި އެވެ.

ޒަރީރް ވިދާޅުވީ، މިކަން ހިނގަމުން މިދަނީ ވަރަށް ރަނގަޅަށް އިލެކްޝަން ކޮމިޝަނާއި މަޝްވަރާކޮށްގެން ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދަފްތަރުގައި ޖެހުމަށް އައިޑީ ކާޑް ހައުސިން މިނިސްޓްރީ އިން ނާތުލާނެ ކަމަށް ޒަރީރް ވިދާޅުުވި އެވެ.

"ދަފްތަރުގައި ޖެހެން އަންނަ މީހުންވެސް ހަނދާން ބަހައްޓާތި، އެއްވެސް މީހެއްގެ އަތުން އައިޑީ ކާޑް އަތެއް ނުލާނެ، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު، ވަގުތުން އައިޑީކާޓް އަނބުރާ އެ މީހަކަށް ދޭނެ،" ޒަރީރް ވިދާޅުވި އެވެ.

މިކަމުގެ ސަބަބުން އެއްވެސް ރައްޔިތެއްގެ ވޯޓް ލުމުގެ ހައްގު ނުގެއްލޭނެ ކަން މިނިސްޓްރީ އިން ކަށަވަރު ކުރާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ. އަދި އެބޭފުޅަކު ކުރިންވެސް ވޯޓްލާން ރެޖިސްޓްރީ ކޮށްފައިވާ ތަނަކަށް ވޯޓް ލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޒަރީރް އިތުރަށް ވިދާޅުވީ، މިހާތަނަށް 2570 މީހުން ފޯމް ނަގާފައިވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު 270 ވަރަކަށް މީހުންނަށް ހިދުމަތް ދެމުން ގެންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ހިދުމަތްތައް ވަރުގަދަކޮށް ފުރިހަމަ ކުރާނެ ކަމަށް ޒަރީރް ވިދާޅުވި އެވެ.