ހަބަރު

2015 އާއި 2016ގެ ޕާކިން ޖޫރިމަނާތައް މާފުކޮށްދޭން ނިންމައިފި

ޕާކިން ސްޓިކާ ޖަހައިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ނިންމައިފި އެވެ. މާފުކޮށްދޭން ނިންމާފައިވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ކޮށްފައިވާ ޖޫރިމަނާތަކެވެ. މީގެކުރިން 2015 ވަނަ އަހަރުގެ ތެރޭގައި ވެސް ޕާކިން ޖޫރިމަނާތައް މާފުކޮށްދީފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބުދުﷲ ޝިޔާޒް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދަތިވާ ކަންތައްތައް ހައްލު ކުރުމަށް ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ.

އެއްގަމު އުޅަނދު ގަވާއިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާ މާފް ކޮށްދިނުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން މާފް ކުރަން ނިންމާފައިވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޕާކިން ޖޫރިމަނާ ކަމަށްވެސް ޝިޔާޒް ވިދާޅުވި އެވެ.

"2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ކުރެވިފައިވާ ޖޫރިމަނާތައް މީގެ ތެރޭގައި ނުހިމެނޭނެ، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު ކުރެވިފައިވާ ޖޫރިމަނާތައް މާފް ކުރެވިގެން ދިޔާމަ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ކުރެވިފައިވާ ޖޫރިމަނާތަކަށް ވަރަށް ބޮޑަށް ލުއި ތަކެއް ލިބިގެންދާނެ، ކުރިން ކޮށްފައިވާ ޖޫރިމަނާތައް މާފް ކުރީމަ ފަހުން ވެފައިވާ ޖޫރިމަނާތަކަށް ވަރަށް ބޮޑަށް ލުޔެއް ލިބިގެންދާނެ،"

ޝިޔާޒް ވިދާޅުވީ، 2015 ވަނަ އަހަރާއި 2016 ވަނަ އަހަރުގެ ޕާކިން ޖޫރިމަނާގެ ގޮތުގައި ގާތްގަނޑަކަށް ހަތް މިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. ނަމަވެސް ޖޫރިމަނާ ދައްކާފައިވާ ފަރާތްތައް މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިޔާޒް ވިދާޅުވީ، މިކަމަކީ ސިލްސިލާ ގޮތެއްގައު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމެއް ނޫން ކަމަށާއި 2017 އަދި 2018 ވަނަ އަހަރުގެ ޕާކިން ޓިކެޓް މާފް ކުރުމާއި ގުޅޭގޮތުން ވަކި އެއްޗެއް ދެންނެވެން ނެތް ކަމަށެވެ.

ވޭތުވެދިޔަ ދެއަހަރެއްހާ ދުވަސް ތެރޭގައި މަޖީދީ މަގުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ ކަމަށާއި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާތީވެ، ޕާކް ކުރަން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް ވަރަށް ގިނަ ފިޔަވަޅު ތަކެއްވެސް އެޅިގެންދިޔަ، ނަމަވެސް ގިނަ އަދަދެއްގެ އެއްގަމު އުޅަނދު ޕާކް ކުރުމާއި މަގުތަކަށް ދަތިވާ ގޮތަށްވެސް ޕާކްކޮށްފައިވާ ކަމަށްވެސް ޝިޔާޒް ވިދާޅުވި އެވެ.

ޕާކިން ޖޫރިމަނާ މާފް ކުރުމަށް ނިންމާފައިވާއިރު، 2015 ވަނަ އަހަރު ވަނީ ލައިސެންސް ނެތިގެން ސައިކަލް ދުއްވުމުން ކޮށްފައިވާ ޖޫރިމަނާތައް މާފު ކުރެވޭ ގޮތަށް މަޖިލީހުން ބިލެއް ފާސްކޮށް ޖޫރިމަނާތައް އެކީ މާފު ކޮށްފަ އެވެ.