މަސްތުވާތަކެތީގެ މައްސަލަތަކުގައި ދެ ބައި ކުޅަ އެއްބައި ހުކުމް ތަންފީޒު ކުރިޔަސް އަދަބު ލުއިކޮށްދެވޭ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ އަދަބު ލުއިކޮށްދިނުމުގެ ގަވާއިދުގައި ކުރިން ބުނާ ގޮތުން ބޮޑެތި ކުށްތަކާއި 10 އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމް އައިސްފައިވާ މީހުންގެ އަދަބު ރައީސްއަށް ލުއިކޮށްދެވޭނީ ހުކުމުގެ ދެ ބައި ކުޅައެއްބައި ތަންފީޒު ކުރުމުންނެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތައް ވެސް ހިމެނެ އެވެ.
ނަމަވެސް އެ ގަވައިދަށް މިއަދު ގެނެސް ގެޒެޓުކޮށްފައިވާ އިސްލާހެއްގައި ބުނެފައި ވަނީ އެ އިސްލާހުން މަސްތުވާތަކެތީގެ މައްސަލަތައް އުނި ކުރުމަށެވެ. އޭރުން އެފަދަ މައްސަލައެއްގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ބޮޑު ހުކުމެއް އައިސްފައިވާ މީހުން ހުކުމުގެ ދެ ބައިކުޅަ އެއްބައި ތަންފީޒު ނުކުރިޔަސް ރައީސްގެ އިސްނެންގެވުމުގެ މަތިން އެ މީހުންނަށް ލުއި ދެވިދާނެ އެވެ.