ހަބަރު

ސިޔާދު މިނިވަންވުމަކީ ލިބުނު އުފަލެއް: އިބޫ

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް މިނިވަންވުމަކީ ލިބުނު ވަރަށް އުފަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ސިޔާދު މިއަދު ދޫކޮށްލީ ފަސް މަހާއި 13 ދުވަހަށްފަހު އެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލިޝަންގެ ކެންޑިޑޭޓް އިބޫ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސިޔާދު ބަންދުން ދޫކޮށްލުމުން އުފާ ކުރައްވާ ކަމަށާއި ނުހައްގުން އަނިޔާ ލިބެމުންދާ އެންމެން މިހާރުން މިހާރަށް މިނިވަންކުރުމަށް ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

ގާސިމް އިބްރާހިމް ވެސް ވަނީ އުފާ ފާޅު ކުރައްވާ ޓްވީޓެއް ކުރައްވާފަ އެވެ. ގާސިމް ވިދާޅުވީ، ސިޔާދު މިނިވަންވުމަކީ ލިބުނު އުފަލެއް ކަމަށާއި ހައްގުގެ މަގަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އެފަދަ ހާލަތުގައި ތިއްބެވި އެހެން ބޭފުޅުން ވެސް މިނިވަންވުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ.

ގާސިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ ވިދާޅުވީ، ސިޔާދު މިނިވަންވުމަކީ ލިބުނު ކާމިޔާބެއް ކަމަށާއި އާއިލާއަށް ލިބުނު ނުހަނު ބޮޑު އުފަލެއް ކަމަށެވެ. އަދި ރައްޔިތުންނަށް ލިބުނު އިތުރު އުއްމީދެއް ކަމަށެވެ.

ސިޔާދު ދޫކޮށްލަން މިއަދު ކްރިމިނަލް ކޯޓުން އަމުރުކުރީ، ސިޔާދުގެ މައްޗަށް ދައުލަތުން އުުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގަ އެވެ. މިއަދުގެ އަޑުއެހުން ބާއްވާފައި ވަނީ ސިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މަދަނީ މިންގަނޑުން ކުރިޔަށް ގެންދެވޭނެ ދައުވާއެއްތޯ ކަނޑައެޅުމަށެވެ. އެހެން ނަމަވެސް ދައުލަތުގެ ފަރާތުން ދައުވާ ބިނާކޮށްފައިވާ މައިގަނޑު ހެކި ކަމަށްވާ، ފަނޑިޔާރުންނަށް ފައިސާ ހަމަޖައްސަން ސިޔާދު ސޮއި ކުރި ކަމަށް ބުނާ ސިޓީ އަދިވެސް ދައުލަތުން ކޯޓަށް ހުށަހަޅާފައިނުވާތީ މައްސަލަ ބައްލަވާ ކުރިމިނަލްކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ ދައުލަތަށް އިތުރު ފުރުސަތެއް ދީފައެވެ.

އިތުރު ފުރުސަތެއް ދައުލަތަށް ދެއްވުމަށްފަހު ގާޒީ ނިންމެވީ ސިޔާދު ގާސިމް ބަންދުން މިނިވަންކުރުމަށެވެ. ޝަރުތުތަކުގެ ގޮތުގައި ކަނޑައެޅީ، މާލެއިން ބޭރަށް ނުދިޔުމާއި ނަމްބަރާއި އެޑްރެސް ބަދަލުވާ ނަމަ އެކަން އެންގުން އަދި ކޯޓުން ފޮނުވާ ޗިޓްތަކާ ހަވާލުވުމެވެ.