ހަބަރު

މެންބަރު ކަމަށް ކުރިމަތިލާ ފީ ބޮޑުކުރަން ހުށަހެޅި ބިލް ކޮމެޓީން ފާސްކޮށްފި

ރައްޔިތުން މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާން ހުށަހަޅަން ޖެހޭ ފީ ބޮޑު ކުރަން ސަރުލާރުން ހުށަހެޅި އިސްލާހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރަގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ. މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި މެމްބަރު ކަމަށް ކުރިމަތިލުމަށް ދައްކަންޖެހޭނީ 15،000ރ. އެވެ. މިހާރު ދައްކަން ޖެހެނީ 5000 ރުފިޔާ އެވެ.

މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން އެބިލް ފާސްކޮށްފައިވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެވެ. އެބިލް ކޮމިޓީން ފާސްކޮށްފައިވަނީ މިމަހު 10 ވަނަ ދުވަހު އެވެ.

މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ ފީ ބޮޑު ކުރަން ކޮމިޓީން ފާސްކޮށްފައިވާއިރު، މަޖިލީހުންވަނީ ރިޔާސީ އިންތިހާބަށް ކުރިމަތި ލުމުގެ ފީވެސް ބޮޑު ކޮށްފަ އެވެ. އެގޮތުން 40،000 ރުފިޔާއިން 100،000 ރުފިޔާއަށް ވަނީ ބޮޑު ކުރުމަށް ނިންމައި މަޖިލީހުން ފާސްކޮށްފަ އެވެ. އަދި އެ އިސްލާހު ރައީސް ވަނީ ތަސްދީގުވެސް ކުރައްވާފަ އެވެ.