ހަބަރު

އިބޫ އާއި އަލީ ވަހީދު ބައްދަލުކުރައްވައިފި

އިދިކޮޅު ކޯލިޝަންގެ ކެނޑީޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމާއެކު ރާއްޖެ އަނބުރާ ރައްޔިތުންނަށް ހޯދާދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް އަލަށް ވަޑައިގެންނެވި އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިގޮތަށް ވިދާޅުވީ، އިބޫއާ ބައްދަލު ކުރައްވައި ނަގާފައުވާ ފޮޓޯތަކަކާއެކު ކުރެއްވި ޓްވީޓެއްގަ އެވެ.

އަލީ ވަހީދުގެ ޓްވީޓްގައި ވަނީ، މިއަދު އިބޫއާ ބައްދަލުވަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އިބޫއާ ފައިސަލްއާއެކު ކުރީގެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން އަބުދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން މުހައްމަދާއެކު ރައްޔިތުންނަށް ރާއްޖެ އަނބުރާ ހޯދާދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ އެމްޑީޕީ ދޫކުރައްވައި ޖޭޕީއާ ގުޅިވަޑައިގެންނެވީ މޭމަހުގެ ތެރޭގަ އެވެ، އޭނާ އަށް މިހާރު ވަނީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމް އިންތިހާބު ކުރައްވާފަ އެވެ.

މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވި އަލީ ވަހީދު އެ ޕާޓީގެ މަސައްކަތްތަކުން ދުރަށްޖެހިވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއެކު އެމްޑީޕީއިން މަސައްކަތްކުރަން ފެށި ހިސާބުންނެވެ. މިހާރު އިނގިރޭސިވިލާތުގައި އުޅުއްވާ އަލީ ވަހީދު އެގައުމަށް ވަޑައިގެންނެވީ މޭޑޭގެ މުޒާހަރާއަށްފަހު އޭނާ ހައްޔަރުކޮށް ދޫކޮށްލުމުންނެވެ.