ހަބަރު

އުފެދެނީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން، ވަކި މީހަކަށް ބުރަނުވާނެ: މައުމޫން

ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ސަރުކާރަކީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށާއި ވަކި މީހަކަށް ބުރަ ނުވެ އިއްތިހާދުގެ ސަރުކާރެއްގެ ގޮތުގައި ދައްކުވައިދޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމާއި މިއަދު ބައްދަލު ކުރެއްވުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މި ފުރުސަތަކީ ހަމަ ޖެހޭ ރަނގަޅު އުސޫލަކަށް ހުރިހާ ކަމެއް ބަދަލުކޮށްލަން ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފަން ވާނީ ވަރަށް ވިސްނައިގެން ކަމަށެވެ.

"އިއްޔެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވި، ހުރިހާ ކަމެއްވެސް ގެންދާނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް، ހަމަހަމަ ކަމާއެކީގައޭ، އަދުލު އިންސާފާއެކީގައޭ، އެއްވެސް ކަމެއް ނުރަނގަޅުކޮށް ނުކުރައްވާނެ ކަމަށް، އެއީ ހަމަ އަޅުގަނޑުވެސް އެދުނު ގޮތް، އެއީ އުންމީދު ކުރައްވާގޮތް، ޔަގީންކަން އޮތް އެއްގޮތްވެސްމެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ފައިސަލް ވެސް ވަނީ އެ ޔަގީންކަން ދެއްވާފައި ކަމަށާއި އެބޭފުޅުން މަސައްކަތް ކުރައްވާނީ ގައުމަށްޓަކައި ކަމަށެވެ. ސަރުކާރު ހިންގާނީ ވަކި މީހަކަށް ވަކި ފަރާތަކަށް ބުރަނުވެ ކަމަށާއި މިއީ އިއްތިހާދުގެ ސަރުކާރެއްގެ ގޮތުގައި ދައްކުވާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑުމެންނަކީ ކޯލިޝަނެއް، ކޯލިޝަންގައި ހަތަރު ޕާޓީ ހިމެނޭ، އަންނަ ސަރުކާރަކީ ކޯލިޝަންގެ ސަރުކާރެއް، އިއްތިހާދެއްގެ ސަރުކާރެއް، ކޯލިޝަނަށް ތާއީދުކުރާ ހުރިހާ ދިވެހި ރައްޔިތުން ރާއްޖޭގައި އަމާން ވެއްޓެއް ގާއިމް ކުރެވޭތޯ ބެއްލެވުން، ކޯލިޝަން ދެމެހެއްޓުމަކީ ރައްޔިތުންނަށްޓަކައި ކުރަން ޖެހޭނެ ކަމެއް، މިއީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން، މިއީ ކޯލިޝަން ސަރުކާރު، މުޅި ދިވެހި ރައްޔިތުންގެ ސަރުކާރު،" މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއް ނޯންނާނެ، އެމީހެއްގެ ސިޔާސީ ކުލަޔަކާއި އެމީހެއްގެ ހިޔާލަކަށް ބަލާފައި ވަކި މީހަކަށް ވަކި ގޮތެއް ހެދުމެއް ނޯންނާނެ، އެންމެންނާއެކީ މަސައްކަތް ކުރާނީ ހަމަހަމަ ކަމާއެކީގައި އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނަންް،"

މައުމޫން ވިދާޅުވީ، އާ ސަރުކާރުގައި ނުކުރާ ކުށަކަށް އަދަބެއް ނުލިބޭނެ ކަމަށާއި ނުކުރާ ކުށަކަށް ޖަލަކަށް ނުލާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފެނިގެން ދިޔައީ އެހެން މަންޒަރެއް ކަމަށާއި އެއްވެސް ކުށެއް ނުކުރާ އެތައް ބަޔަކަށް އަނިޔާލިބި ޖަލުގައި ހޭދަކުރަން ޖެހުނު މަންޒަރު ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

"އޭގެ ތެރެއިން އެއް ބޭފުޅަކީ އަޅުގަނޑު، މިއީ ޑެމޮކްރެޓިކް ވެއްޓެއްގައި ކަންކަން ހިނގންވާނެ ގޮތެއް ނޫން، އެމީހަކު ކުރި ކުށަކަށް އެމީހަކަށް އަދަބު ދިނުމަކީ ގާނޫނުގައި އޮންނަ ގޮތެއް، އެގޮތަށް ކަން ކުރެވޭނީ، އެއީ އެކަމަކު ގާނޫނީ ހަމަތަކުގެ މަތިން، ގާނޫނީ އިމުގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތީން، އޭގެ ބޭރަކުން އެއްވެސް މީހަކަށް އަނިޔާ ކޮށްގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ދިވެހި ސަރުކާރު ހިންގާނީ ވަރަށް ހަމަޖެހޭ ގޮތަށް، ރާއްޖޭގެ ގާނޫނު އަސާސީއަށާއި ގާނޫނަށް ހުރުމަތްތެރިކޮށް ހިތައިގެން ހުރިހާ މުއައްސަސާއެއް މިނިވަންކަމާއެކު މަސައްކަތް ކުރާ ގޮތަށް ކަމަށެވެ.