ހަބަރު

އދ. ސިޔާސީ ކަންކަމާބެހޭ އެސިސްޓެންޓްް އެސްޖީ އިބޫއާ ބައްދަލުކޮށްފި

އދ. ގެ ސިޔާސީ ދާއިރާއާބެހޭ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް މރ. މިރޮސްލާވް އެންކާ، އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)އާ ބައްދަލުކުރައްވައިފި އެވެ.

ބައްދަލުވުމުގައި އިލެކްޝަން ކޮމިޝަންގެ މިނިވަން ކަމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށާއި އަންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް އިދިކޮޅު ފަރާތްތަކަށް ކުރިމަތިވަމުންދާ ފިއްތުންތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.

ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމާއި ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

މރ. މިރޮސްލާވް އެންކާ، އިބޫއާ ބައްދަލުކުރައްވާފައިވާއިރު، އޭނާ މިއަދު ވަނީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމާ ބައްދަލުކުރައްވައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. މި ބައްދަލު ރެއްވުން އޮތީ މިއަދު މެންދުރު ރައީސް އޮފީހުގަ އެވެ.