ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ އާ ޖޯޒީ މާދަމާ ރޭ ލޯންޗްކުރަނީ

އާޓިފިޝަލް ބީޗްގައި މާދަމާ ރޭ ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އާ ޖޯޒީ ލޯންޗްކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ފާއިތުވި ހަތަރު އަހަރު ވެސް ގައުމީ ޓީމުން އެޑިޑާޑްސް ކިޓެއް ބޭނުންކުރި ނަމަވެސް، މި ފަހަރު ގައުމީ ޓީމުން ބޭނުންކުރާނީ އާ ބްރޭންޑެއްގެ ކިޓެއް ކަމަށް އެފްއޭއެމް އިން ބުނެ އެވެ. މި ބްރޭންޑަކީ ވެސް ޔޫރަޕްގައި މަޝްހޫރު، އަދި ޔޫރަޕްގެ ނަން މަޝްހޫރު ބައެއް ކްލަބުތަކުން މިހާރު ވެސް ބޭނުންކުރާ ބްރޭންޑެއް ކަމަށް އެފްއޭއެމް އިން ބުނެ އެވެ. ފާއިތުވި ހަތަރު އަހަރު ގައުމީ ޓީމުގެ ޖޯޒީ ފޯރުކޮށްދީފައިވަނީ ސޮނީ ސްޕޯޓްސް އިންނެވެ.

އެފްއޭއެމް އިން ބުނީ މާދަމާ ރޭ އާޓިފިޝަލް ބީޗްގައި ބާއްވާ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ޖޯޒީ ލޯންޗްކުރުމުގެ އިތުރުން، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން ފަސީ އާއި ހަރުބީ ބޮޑުބެރު ގުރޫޕްގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށް އެފްއޭއެމް އިން ބުނެ އެވެ.

ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މާދަމާ ރޭގެ އިވެންޓުގައި ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް ހިމެނެ އެވެ. ދެކުނު ކޮރެއާ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު، ގައުމީ ޓީމު ރޭ މާލެ އާއިރު، މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ދަގަނޑޭ ވެސް ވަނީ ޓީމާއެކު މާލެ އައިސްފަ އެވެ. ދެކުނު ކޮރެއާގައި އޮތް ކޭމްޕްގައި ދަގަނޑޭ ބައިވެރިނުވީ މި މަހުގެ 27 ވަނަ ދުވަހު ޓޮޓެންހަމް ހޮޓްސްޕާއާ ދެކޮޅަށް މެލޭޝިއާ ލީގުން ހޮވާލެވުނު ޓީމު ކުޅުނު މެޗުގައި ކުޅުމުގެ ފުރުސަތު ލިބުމުންނެވެ.

 ގައުމީ ޓީމުގެ އާ ޖޯޒީގައި ކުޅޭ ފުރަތަމަ މެޗަކަށް ވާނީ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 11 ވަނަ ދުވަހު ގަތަރާ ދެކޮޅަށް މާލޭގައި ކުޅޭ މެޗެވެ.