ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާ ގުޅޭ ގޮތުން ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ވާހަކަފުޅު ދެއްކެވީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށާއި އެމަނިކުފާނު ހައްދަވާފައިވާ އިތުރުފުޅެއް ކަމަށް އާއިލާއިން ބުނެފި އެވެ.
ފުލުހުންގެ ތަހުގީގަށް ރިޔާޒްގެ ފޯނުގެ ޕިން ޖަހައި ނުދިން މައްސަލާގައި، ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ހައިކޯޓުން ވަނީ އިއްވާފަ އެވެ.
ހދ. ހަނިމާދޫގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ފޯނު ދޭން އެންގުމުން ރިޔާޒް ފުރަތަމަ އެކަމަށް އިންކާރު ކުރެއްވި ކަމަށާއި އަދި ފަހުން ފޯނު ދެއްވި ނަމަވެސް ފޯނު ހުޅުވަން ދެއްވީ ނުބައި ޕިން ކޯޑެއް ކަމަށެވެ. އަދި ހުކުމެއް އައީ ޝަރުއީ މަރުހަލާގައި އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އާއިލާއިން ނެރުނު ބަޔާނުގައި ވަނީ، ރިޔާޒްގެ މައްޗަށް ފުލުހުން ޖިނާއީ ތުހުމަތެއް އުފުލާ ކޯޓު އަމުރަކާ އެކު އައިސް ރިޔާޒްގެ ފޯނު ދިނުމަށް އެންގުމުން ވަގުތުން ސީންއަށް ހާޒިރުވި ފުލުހުންނަށް ރިޔާޒް ފޯނު ހަވާލުކޮށްފައި ކަމަށެވެ. އަދި އެ ފޯނުގެ ޕިންކޯޑު ދިނުމަށް އިއުތިރާޒްކުރި ކަމަށް ބުނެ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލުމުން އެމައްސަލައިގެ ޝަރީއަތުގެ މަޖްލީހުގައި ޕިން ކޯޑު ފުލުހުންނަށް ދިނުމަށް ފުރަތަމަ އިއުތިރާޒްކުރީ ކޯޓު އަމުރުގައި ޕިން ކޯޑު ދިނުމަށް އެބާވަތުގެ އެހެން އަމުރުތަކުގައި ބަޔާންކޮށްފައި އޮންނަ ފަދައިން ސަރީހަ އިބާރާތުން ނެތުމުން ކަމަށްވެސް އާއިލާއިން ބުންޏެވެ.
"ރިޔާޒު މިވަގުތު ޖަލުގައި ބަންދުކޮށްފައިހުރީ ފުލުހުން ތުހުމަތުކުރި މައްސަލައަކާ ގުޅިގެން ރިޔާޒްގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އެންގުމުން ފުލުހުންނާއި ފޯނު ހަވާލުނުކޮށް އަދި ފޯނު ހަވާލުކުރުމަށް އިންކާރުކުރުމުންނާއި ޕިން ކޯޑު ދިނުމަށްވެސް އިންކާރުކުރުމުންކަމަށް ރައްޔިތުންނަށް ދޭހަވާގޮތަށް ރައީސް އަބްދުالله ޔާމީން ވިދާޅުވެފައިވީ ނަމަވެސް، އެއީ މިމައްސަލައިގައި ކަންހިނގާފައިވާގޮތާ ކަނޑައެޅިގެން ހިލާފަށް އެމަނިކުފާނު ރައްޔިތުންނަށް އޮޅުވާލެއް ވުމަށް ހައްދަވާފައިވާ އިތުރުފުޅެއް" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ، ކޯޓު އަމުރާ އެއްގޮތަށް ޕިން ކޯޑު ދިނުމަށް ޝަރީއަތުން އެންގުމުން ޝަރީއަތުގެ މަޖްލީހުގައި ރިޔާޒް ދިން ޕިން ކޯޑުތަކުގެ ތެރެއިން ޕިން ކޯޑެއް ޖަހައިގެން ފޯނު ހުޅުވިފައިވާ ކަމަށާއި ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އައި ފުލުހުން ފޯނާއެކު ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފަށް ކުރެވުނު ހައްޔަރެއްކަމަށް ކަނޑައަޅައި، އެމައްސަލައިގައި ދައުލަތުން ހުށަހެޅި އެހެނިހެން ހެކިތަކުގައި ހުރި ފުށުއެރުންތަކާއި ބަލި ކަށިކަމަށްޓަކައި އެމައްސަލައިގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވެއެވެ.
"އޭގެ ފަހުން އެގަޒިއްޔާގައި ނިންމާފައިވާ ނިންމެވުންތަކުގެ ތެރެއިން ހަމައެކަނި އެމައްސަލައިގައި ރިޔާޒް ފުލުހުން ހައްޔަރުކުރި ކަމަށް ނިންމާފައިވާ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެން މިބާވަތުގެ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރެވޭ ގޮތާ ހިލާފަށް މުޅި މައްސަލަ އިސްތިއުނާފް މަރުހަލާގައި މައުލޫއީ ގޮތުން ބައްލަވާ އެމައްސަލާގައި ކްރިމިނަލް ކޯޓުން ރިއާޔަތްކުރައްވާފައިވާ އިޖުރާއީ މައްސަލަތަކާއި ހެކިތަކުގައި ހުރި ފުށުންއެރުންތަކަކީ އެދައުވާގެ މައުލޫން ބޭރު ކަންތައްތަކެއްކަމުގައި ބައްލަވާ އެމައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ނިންމަވާފައިވަނީ އެމައްސަލަ ފުރަތަމަ ބެއްލުވުމާ ހަވާލުވި ބެންޗު، ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ބަދަލުކުރުމަށްފަހު،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ، ހައިކޯޓުގެ އެނިންމެވުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނިންމެވި ނިންމެވުމެއް ކަމަށް ދެކި އެނިންމެވުން ސުޕްރީމްކޯޓުގައި ރިޔާޒްގެ ފަރާތުން އިސްތިއުނާފްކުރެއްވި ކަމަށެވެ. ނަމަވެސް މިހާތަނަށް ސުޕްރީމް ކޯޓުން އެމައްސަލައިގެ އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށާއި ރިޔާޒްގެ މައްޗަށް ކަނޑައެޅުނު އަދަބުގެ ބޮޑުބައެއް މިހާރު ވަނީ ތަންފީޒުކުރެވިފައިކަމަށްވެސް އާއިލާއިން ބުންޏެވެ.
އާއިލާއިން އިތުރަށް ބުނީ، ރިޔާޒް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުންކުރާ އިސްލާހީ މަސައްކަތުގައި ރިޔާޒް އަދާކުރާ ދައުރަށް ހުރަސް އަޅައި ރައްޔިތުންގެ މަޖްލީހުގެ ސާފު އަގްލަބިއްޔަތު ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ލިބުމުން ރައްޔިތުންގެ މަޖްލީހުގައި ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުކުރުމަށްޓަކާ ކަމަށެވެ.