ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ވެރިކަމުގަ އެތައް ސިޔާސީ ލީޑަރުންނެއް ޖަލު ގޮޅިއަށް ލެއްވެވީ އެމަނިކުފާނުގެ އަމުރައް ގާނޫނީ ހަމަތަކުގެ ބޭރުން ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ރިޔާޒް މިހެން ވިދާޅުވީ ވިލިމާލޭގައި އޮތް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން މިއަދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ބޭބޭފުޅު މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކުރަން ޖެހިވަޑަައިގަތް ސަބަބު ފުރަތަމަ ފަހަރަށް ހާމަކުރައްވާފައެވެ.
ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރެއްވީ ކުށެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށެވެ.
އެމަނިކުފާނު ހައްޔަރު ކުރެއްވީ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވުމުން މަޖުބޫރުވެވަޑައިގެން ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދުވެސް އަޅުގަނޑުގެ ރައްޔިތުންގެ އަރިހު މާފާއެކު ދަންނަވާލަން ބޭނުންވޭ، ރައީސް މައުމޫން ހައްޔަރު ކުރީ ރައީސް މައުމޫން ކުށެއް ނުކުރައްވާ ހުންނަވައިގެނެއް ނޫން. އަޅުގަނޑުގެ ހައްގަކަށް އަރައިގަނެގެނެއް ނޫން. ރައްޔިތުންގެ ހައްގަކަށް އަރައިގަނެ ސުޕްރީމް ކޯޓްގެ ތެރެއިން ދައުލަތް ވައްޓާލަން މަސައްކަތް ކުރެއްވުމުގެ ތެރޭގައި އެންމެ އިސް މޭސްތިރިއަކަށް ހުންނެވި ހުންނެވުމާއި އެކީގައި ދައުލަތަށް މަޖުބޫރުވީ. އަޅުގަނޑުގެ އަމިއްލަ ނިންމުމެއް ނޫން އެއީކީއެއް،" ޔާމީން ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ހަގު ދަރިކަލުން އަދި ޕީޕީއެމްގެ ނާއިބް ރައީސް ޣައްސާން މައުމޫންވެސް ބައިވެރިވެވަޑައިގެންނެވި އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މައުމޫން ހައްޔަރު ކުރައްވަން ޖެހިވަޑައިގަތް ސަބަބުގެ ހަގީގަތް ރައްޔިތުންނަށް އެނގިވަޑައިނުގަންނަވާތީ އެކަންކަން ސާފުކޮށް ދެއްވަން ބޭނުންފުޅުވާ ކަމަށެވެ.
އޭގެ ފަހަށް ވިދާޅުވީ ކިތަންމެ ގާތް ބޭފުޅެއް ނަމަވެސް ރައްޔިތުންގެ ހައްގަކަށް އަރައިގަނެއްޖެނަމަ އަޅުއްވަން ޖެހިވަޑައިގަންނަވާ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ރިޔާޒް ވިދާޅުވީ ރައީސް ޔާމިނުގެ ވެރިކަމުގަ އެތައް ސިޔާސީ ލީޑަރުންނެއް ޖަލު ގޮޅިއަށް ލެއްވެވީ އެމަނިކުފާނުގެ އަމުރައް ގާނޫނީ ހަމަތަކުގެ ބޭރުން ބާރާއި ނުފޫޒު ނަހަމަގޮތުގައި ބޭނުން ކުރައްވައިގެން ކަމަށެވެ.
"އެގޮތައް ހިންގާފަ ހުރި ކަންކަން ބެލުމަށް ސުޕްރީމް ކޯޓުން ކޮށްފަވާ އަމުރުތައް ތަންފީޒު ނުވުމަކީ މުއައްސަސާތަކުގެ އިހުމާލެއް،" ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގައި އެތައް މަސްތަކެއް ހޭދަކުރައްވަން ޖެހިވަޑައިގެން ރިޔާޒް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ނާއިބު ރައީސަކަށް ހުންނެވި އަހުމަދު އަދީބާއި އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އޭރުގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ރަައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް އާއި ގާސިމްގެ ދަރިކަލުން އިބްރާހިމް ސިއާދު ގާސިމް އާއި އޭރުގެ އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އާއި ފަނޑިޔާރު އަލީ ހަމީދު އާއި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ޖަލުގައި ބަންދު ކުރެއްވިއެވެ.