ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ތެދުބަހުން ވާހަކަ ދައްކަވަން ދަސްކުރަންވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު، ޖަމީލަށް ފާޑުވިދާޅުވެއްޖެ އެވެ.
ރިޔާޒުގެ ފާޑުވިދާޅުވުން ޖަމީލަށް އަމާޒު ކުރެއްވީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާއިން ސަލާމަތްވީ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ޓެކްނިކަލް ގޯހަކުން ކަމަށް ރިޔާޒު ވިދާޅުވުން ރިޔާޒުގެ އެ ވާހަކަތަކަށް ޖަމީލް ދެއްވި ރައްދާއި ގުޅިގެންނެވެ.
ރިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވާ ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމަކީ ޓެކްނިކަން ގޯހުން ނިމޭ ކަމެއް ނޫން ކަމަށެވެ. އަދި ޖިނާއީ ކުށެއް ސާބިތު ކުރަން ގިރާކުރަން ޖެހޭ ގާނޫނީ އޮޅިގަނޑެއް އޮންނަ ކަމަށް ވިދާޅުވެ ރިޔާޒުގެ ވާހަކަތައް ކުށްވެރި ކުރެއްވިއެވެ.
"މައުސޫމްކަން ސާބިތުވުމުން އެ މީހެއްގެ ބޮލުގައި އިލްޒާމް އެޅުވުން ނާތަހުޒީބު. ސިޔާސީ ގޮތުން ރައީސް ޔާމީން އާއި ފައި ހަމަނުކުރެވޭނެ ކަން ހަޖަމު ކުރަންޖެހޭ،" ރިޔާޒަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.
ޖަމީލުގެ އެ ވާހަކަތަކަށް ރިޔާޒު ވަނީ ހޫނު ރައްދެއް ދެއްވާފައެވެ. ވިދާޅުވީ ރައީސް ޔާމީނަކީ ހިޔާނާތްތެރިއެއް ކަމަށް ޖަމީލް ކުރީން ވިދާޅުވި ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވަރުގެ ތެދުވެރި ވެރިއަކު ނެތް ކަމަށް ޖަމީލް މިއަދު ވިދާޅުވާ ކަމަށެވެ. ރިޔާޒު އެ އިޝާރާތް ކުރައްވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ޕާޓީތަކާއެކު ހުންނަވާ ޖަމީލް ރައީސް ޔާމީނަށް ފާޑުވިދާޅުވި ވިދާޅުވުމަށެވެ.
"މަނިކުފާނު [ޑރ ޖަމީލް] އެބަ ޖެހޭ ނޫންތޯ ތެދު ބަހުން ވާހަކަ ދައްކަވަން. އަމަލާ ބަހާ ދިމާ ކުރައްވަން،" ޖަމީލް ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
އެމްއެންޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ބަންދުން ރައީސް ޔާމީން މިނިވަންވީ "ޓެކްނިކާލިޓީ" އެއްގެ ސަބަބުން ކަމަށެވެ. އެ ބަހުގެ މާނަ ތިލަކޮށްދެއްވަމުން ރިޔާޒް ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި ވެސް އަދި ދައުވާ ކުރުމުގެ މަރުހަލާގައި ވެސް ރަގަޅަށް މަސައްކަތް ކުރެވިފައި ނުވާ ކަމަށެވެ. އެ ގޯސްތައް ސުޕްރީމް ކޯޓުގެ ހުކުމް ކިޔާލުމުން ސާފުކޮށް ފެންނަން އެބަ އޮތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ރައީސް ޔާމީނާ އޮތް ގުޅުން ހިއްސާކުރައްވަމުން ރިޔާޒް ވިދާޅުވީ އެ ވައްކަމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ވައްކަމެއް ކަމުން ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނީ އެމަނިކުފާނު ކަމަށެވެ. އަދިވެސް އިތުރު ތަހުގީގުތަކާއި ޝަރީއަތްތައް ކުރިއަށް ހުރި ކަންވެސް ރިޔާޒު ވަނީ ފާހަގަކުރައްވާފަ އެވެ.
ރިޔާޒް ވިދާޅުވީ ހިޔާނާތް ހިނގައިދިޔައިރު ޔާމީންގެ އެކައުންޓަށް ނުހައްގު ފައިސާ ވަދެފައިވާ ކަމަށާއި އަދި އެފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕެވި ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުން އެނގޭ ކަމަށެވެ. ޔާމީންގެ އެކައުންޓަށް ވަން ފައިސާ ވިޔަފާރި ކުރުމަށް އިންވެސްޓްކުރިކަން ވެސް އެ ހުކުމް ކިޔައިލުމުން އެނގެން އޮތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅުން އެހެން ވިޔަފާރިތައް ކުރުމަކީ ގާނޫނުން މަނާކުރާ ކަމެއް ކަމަށެވެ.
"އެމްއެމްޕީއާރްސީގެ ވައްކަމަކީ ނުހިނގާ ކަމެއް ނޫން. ވަރަށް ބޮޑު ކަމެއް. ދައުލަތުން ރައްޔިތުންގެ ވަރަށް ގިނަ ފައިސާތަކެއް ގެއްލިފަ މިވަނީ. އަދި ރައީސް ޔާމީން މިނިވަންވެޑައިގަތަސް އޭރު ރައީސް ޔާމީން ވެރިކަމުގައި ހުންނެވީ. އެހެންވީމަ ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެ. ރައްޔިތުންނަށް އެނގެންޖެހޭނެ ކަންކަން އޮތް ގޮތް. އެހެންވީމަ މިކަންކަން ފޮރުވުމަށްޓަކައި މި ވާހަކަ އޮއްބާލުމަށްޓަކައި އެހެން ގައުމުތަކާ ޖައްސާލައިގެން ގައުމުގެ ރައްޔިތުންނަށް ގެއްލުންވާ ގޮތަށް ކުރާ ކަންކަންމީ. އެކަމަކަށް އަޅުގަނޑުމެން އެއްބާރުލުމެއް ނުދެން،" ރިޔާޒް ވިދާޅުވި އެވެ.