ދުނިޔެ

އެމެރިކާގެ ކޯރަކަށް ބޯޓެއް ފެތި 17 މީހުން މަރުވެއްޖެ

Jul 21, 2018

މިޒޫރީ (ޖުލައި 20) - އެމެރިކާގެ މިޒޫރީ ސްޓޭޓުގައި އޮންނަ މަޝްހޫރު ކޯރަކަށް ޓޫރިސްޓުންތަކެއް ގޮވައިގެން ދަތުރުކުރި ޓުއާ ބޯޓެއް ފެތި 17 މީހުން މަރުވެއްޖެ އެވެ.

މިޒޫރީގެ ގަވަރުނަރާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މަރުވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ 11 މީހުން ހިމެނެ އެވެ.

މޫސުން ގޯސްވެ އެއްގަމުގަ އާއި މޫދުގައި ދުއްވޭ ވައްތަރުގެ "ޑަކް ބޯޓު" ފެތުނު އިރު، ބޯޓުގައި 31 މީހުން ތިބިކަމަށްވެ އެވެ. އަދި އެއްވެސް މީހަކު ލައިފް ޖެކެޓް ނޫޅެމަށް ބޯޓުގެ ކައްޕި އިރުޝާދު ދިން ކަމަށްވެ އެވެ.

އޮފިޝަލުން ބުނި ގޮތުގައި، މަރުވި މީހުންގެ ތެރޭގައި އެއް އަހަރާއި 70 އަހަރާއި ދެމެދުގެ މީހުން ހިމެނެ އެވެ.

ޓިއާ ކޯލްމަން ނަމަކަށް ކިޔާ އަންހެނެއްގެ އާއިލާގެ 11 މެމްބަރުން އެ ހާދިސާގައި މަރުވެފައިވާ ކަމަށް އޭނާ ވަނި ބުނެފަ އެވެ.

"އަހަރެންގެ ހުރިހާ ދަރިންނާއި، ފިރިމީހާ، ފިރިމީހާގެ މަންމަ އާއި ބައްޕަ، ބޮޑުބޭބެ، ފަހަރި އަދި އޭނާގެ ދަރިފުޅު ވެސް މި ހާދިސާގައި ވަނީ މަރުވެފަ،" އެ ސްޓޭޓުގެ ޓީވީ ސްޓޭޝަނަކަށް އެ އަންހެން މީހާ ކިޔައިދިނެވެ.

"ކައްޕި ބުނީ ލައިފް ޖެކެޓް އަޅާނެކަމެއް ނެތޭ. ބޭނުމެއް ނުވާނެއޭ. އެހެންވީމަ އެއްވެސް މީހަކު ލައިފް ޖެކެޓު ނާޅާ ތިބީ،" އެ އަންހެން މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި، ލައިފް ޖެކެޓް އަޅައިގެން ތިބިނަމަ ވަރަށް ގިނަ މީހުންގެ ފުރާނަ ސަލާމަތްވީހެވެ. އެ ހާދިސާގައި ސަލާމަތްވި މީހުންގެ ތެރޭގައި، އެ ބޯޓުގެ ކައްޕި ހިމެނެ އެވެ. އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ޓުއާ ފެށުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި، މޫސުން ގޯސްވެ ވައި ބާރުވެ، ފެތުނު ބޯޓާއެކު އިތުރު ބޯޓެއް ދިޔަވާން ފެށިކަމަށް މަންޒަރު ދުށް މީހަކު ނަގާފައިވާ ވީޑިއޯ އަކުން ފެނެ އެވެ. އެތަނުން އެއް ބޯޓަށް ސަލާމަތުން އެއްގަމާއި ހަމައަށް އާދެވުނު ނަމަވެސް، އަނެއް ބޯޓު ވަނީ ފެތިފަ އެވެ.

އެ ބޯޓުގެ ފަސަންޖަރުން ލައިފް ޖެކެޓު ނާޅާ ތިބިކަމަށް އަދި ކަށަވަރު ނުވާކަމުގައި އޮފިޝަލުން ވަނީ ބުނެފަ އެވެ.