ރަންބީރު ކަޕޫރު

ރަންބީރް އަތުން 50 ލައްކަ ރުޕީސް ހޯދަން ކޯޓަށް

މިއަހަރުގެ މިހާތަނަށް ބޮލީވުޑްގައި އެންމެ ބޮޑު ކާމިޔާބީއެއް އެކްޓަރު ރަންބީރް ކަޕޫރް ހޯދި ނަމަވެސް އޭނާއަށް ބޮޑު މައްސަލައަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ. އޭނާގެ ފިލްމު "ސަންޖޫ"ގެ ކަމީޔާބީ ފާހަަގަކުރަމުން އަންނަނިކޮށް މީހާކު މިހާރު ވަނީ އޭނާއާ ދެކޮޅަށް ކޯޓަށް މައްސަލައެއް ވައްދާފަ އެވެ.

ރަންބީރްއާ ދެކޮޅަށް ކޯޓަށް މައްސަލަ ވެއްދީ ޕޫނޭގެ ކަލްޔާނީ ނަގަރްގެ ޓްރަމަޕް ޓަވަރުގައި ހުންނަ އޭނާގެ އެޕާޓްމަންޓު ކުއްޔަށް ހިފާފައިވާ ފަރާތުންނެވެ. އެ އެޕާޓްމަންޓު ކުއްޔަށްދިނުމަށް އެއްބަސްވި އެގްރީމެންޓާއި ރަންބީރް ހިލާފުވެފައިވާ ކަމަށް އެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލާގައި ތުހުމަތުކޮށްފައިވެ އެވެ. މިކަމާއި ގުޅިގެން އެ ފަރާތުގައި އާއިލާއަށް ފޫނުބެއްދޭވަރުގެ ގެއްލުމެއްވެފައިވާ ކަމަށްވެސް ދައުވާގައި ބުނެފައިވެ އެވެ.

ރަންބީރް އެ އެޕާޓްމަންޓު ކުއްޔަށް ދިނީ އޮކްޓޯބަރު 2016 ގަ އެވެ. މައްސަލައަކަށްވީ އެގްރީމަންޓުގައި ބުނެފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ އެޕާޓްމަންޓު ހުސްކުރަން އެންގުމުންނެވެ. ފުރަތަމަ އަހަރު ކޮންމެ މަހަކު ކުއްޔަށް ދައްކަން އެއްބަސްވެފައި ވަނީ ހަތަރު ލައްކަ ކަމަށާއި ޖެހިގެން އައި އަހަރު 4.20 ލައްކަ ދެއްކުމަށް ކޮންޓްރެކްޓުގައި ބުނެފައިވެ އެވެ. އަދި ޑިޕޮޒިޓުގެ ގޮތުގައި 24 ލައްކަ ދައްކާފައިވާ ކަމަށްވެ އެވެ.

އެ މައްސަލަ މިހާރު ދަނީ ޕޫނޭގެ ސިވިލް ކޯޓުގައި ބަލަމުންނެވެ. މައްސަލަ ހުށަހެޅި ފަރާތުން ވަނީ އެ ފަރާތައް ލިބުނު ގެއްލުމުގެ ބަދަލުގައި 54.40 ލައްކަ ރުފިޔާ ދެއްކުމަށާއި އަދި އިންޓްރެސްޓުގެ ގޮތުގައި 1.08 ލައްކަ ދެއްކުމަށް ޝަރުތުކޮށްފަ އެވެ. ރަންބީރް ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށް ކޯޓުގައި އެ ވާހަކަ ބުނެފަ އެވެ.