ހަބަރު

މެންބަރުން ހަމަ ނުވާތީ ދެ ބިލު ފާސް ކުރުން ފަސްކޮށްފި

ދެ ބިލެއް ފާސް ކުރަން އެކަށީގެންވާ ވަރަށް މެންބަރުން ހަމަ ނުވާތީ ވޯޓަށް ނާހަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ނިންމަވައި، މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ތާވަލުކޮށްފައި ވަނީ ޕީއެސްއެމް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކޮށް އެ ކުންފުނީގެ ބޯޑްގެ ހުރިހާ މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސްއަށް ލިބޭ ގޮތަށް ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނަށް ގެނައި އިސްލާހާއި ރައްޔިތުންގެ މަޖިލީޙަށް ކުރިމަތިލުމުގެ ފީ ބޮޑު ކުރާ ގޮތަށް މަޖިލީހުގެ އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ މަސައްކަތެވެ.

ނަމަވެސް ގާނޫނުގައި ބުނެފައިވާ ގޮތުން ރައްޔިތުންނާ ސީދާ ގޮތެއްގައި ގުޅުން ހުރި ބިލުތައް ފާސް ކުރަން ޖެހޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ ދެބައި ކުޅައެއްބައިގެ ހާޒިރުގައި އަހާ ވޯޓަކުންނެވެ. ނަމަވެސް އިދިކޮޅު މެންބަރުން މަޖިލީހުގެ ޖަލްސާތައް ބޮއިކޮޓްކޮށްފައިވާތީ އެ އަދަދަކަށް މެންބަރުން ހަމައެއް ނުވެ އެވެ.

އެކަމާ ގުޅިގެން ވޯޓަށް އަހަން ފުރުސަތު ހުޅުވާލުމުގެ ކުރިން މަސީހު ވިދާޅުވީ މަޖިލީހުގައި ބިލުތައް ފާސް ކުރެވޭ ވަރަކަށް މެންބަރުން ހަމަ ނުވާ ކަމަށާއި ގާނޫނުގައިވާ ގޮތަށް މެންބަރުންތައް މަޖިލީހަށް ހާޒިރުވުމަށް އެދޭ ކަމަށެވެ. އަދި އެ ބިލުތަކަށް ވޯޓަށް އެހެން ދުވަހެއްގައި އަހާނެ ކަމަށް ވިދާޅުވެ ޖަލްސާ މިއަދަށް ނިންމާލެއްވި އެވެ.

މީގެކުރިން ވެސް އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް ވެސް ފާސް ކުރުމަށް އެކަށީގެންވާ މިންވަރަށް މެންބަރުން ހަމަ ނުވުމުން ދެ ދުވަހެއްގެ މަތިން ވޯޓަށް ނާހާ މެންބަރުން ހާޒިރުވުމަށް ފުރުސަތު ދިނުމަށް ފަހު ތިން ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވަނީ އެ އިސްލާހުތައް ފާސްކޮށްފަ އެވެ. އެގޮތަށް ފާސްކޮށްފައި ވަނީ ކޮންމެހެން ވެސް ފާސް ކުރަން ޖެހޭ ގާނޫނުތަކަށް ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަކަށް ބިނާކޮށް ވޯޓަކަށް އެހުމަށް ފަހުގަ އެވެ.