ހަބަރު

ހެލިކޮޕްޓަރުތައް ގެންދަން އިންޑިއާއަށް ދިން މުއްދަތު އިތުރުކޮށްފި

Jul 24, 2018
4

އިންޑިއާ ސިފައިން ދިވެހި ސިފައިންނަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު އަނބުރާ ގެންދަން ދިން މުހުލަތު އަންނަ ޑިސެމްބަރު މަހަށް އިތުރުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފި އެވެ.

އައްޑޫ އަދި ލ. އަތޮޅުގައި އޮންނަ އިންޑިއާގެ ދެ ހެލިކަޕްޓަރު މިދިޔަ މަހުގެ ނިޔަލަށް އަނބުރާ ގެންދަން ދިވެހި ސަރުކާރުން ވަނީ އަންގާފަ އެވެ.

އެ ދެ ހެލިކަޕްޓަރާ ގުޅޭ ގޮތުން އެމްއެންޑީއެފް އާއި އިންޑިއާ ސިފައިންނާއެކު ހަދާފައިވާ އެއްބަސްވުން ދާދި ފަހުން ހަމަވެފައިވާއިރު އެ އެއްބަސްވުން އާ ނުކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ކޮންމެ ހެލިކޮޕްޓަރަކާއެކު ޕައިލަޓުންނާއި ޓެކްނީޝަނުންގެ ގޮތުގައި ގާތްގަނޑަކަށް އިންޑިއާގެ 25 ސިފައިން ތިބޭއިރު، އެ މީހުންގެ ވިސާ އާކޮށްދޭން ވެސް ދިވެހި ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. އެ މީހުންގެ ވިސާ ހަމަވެފައިވަނީ މިދިޔަ މެއި މަހު އެވެ.

ނަމަވެސް، އެ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް އިތުރު ވަގުތު ބޭނުންވާކަމަށް ބުނެ އިންޑިއާގެ ކަމާބެހޭ އޮފިޝަލުން ދަނީ ދިވެހި ސަރުކާރާއި މަޝްވަރާ ކުރަމުންނެވެ.

އެ މަޝްވަރާތަކާއި ގުޅިގެން، އެ ހެލިކޮޕްޓަރުތައް އަނބުރާ ގެންދިއުމަށް ދިން މުއްދަތު ޑިސެމްބަރު މަހާއި ހަމައަށް އިތުރުކުރުމަށް ދެ ފަރާތުން ވެސް މިހާރު އެއްބަސްވެފައިވާ ކަމުގައި، އިންޑިއާގެ ހާރިޖީ އޮފިޝަލުންނާއި ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ވަނީ ބުނެފަ އެވެ.

"ޑިސެމްބަރު މަހާއި ހަމައަށް އެ ދެ ހެލިކޮޕްޓަރާއި 48 މީހުންގެ ކްރޫ ބޭނުންކުރަމުން ގެންދާނެ ކަމަށް މިހާރު ދެ ފަރާތުން ވެސް މިވަނީ އެއްބަސްވެފައި،" އިންޑިއާގެ ހާރިޖީ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ނޫހެއްގައި ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް ގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ރާއްޖެއިން ޗައިނާއާއެކު ގުޅުން ބަދަހިކޮށް ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް ހެދި ހިސާބުން އިންޑިއާއާއެކު އޮތް ގުޅުމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފަ އެވެ. ރާއްޖޭގެ މުހިންމު ދެ ސަރަހައްދެއްގައި ހެލިކަޕްޓަރު ބާއްވަން އިންޑިއާއިން ބޭނުންވި ނަމަވެސް ސަރުކާރުން އެކަމަށް ދެކޮޅު ހަދަމުން ދަނީ އެ ދެ ހެލިކަޕްޓަރުގެ ބަދަލުގައި ބޭނުން ވަނީ ސާވައިލަންސް އެއާކްރާފްޓެއް ކަމަށް ބުނެ އެވެ.

ނަމަވެސް، މަތިންދާބޯޓެއް ހަދިޔާ ކުރުމާއި ގުޅޭގޮތުން އިންޑިއާ އިން ހުށަހެޅި ހުށަހެޅުމަށް ވެސް، ދިވެހި ސަރުކާރުން ޖަވާބެއް ދީފައިނުވާ ކަމަށް އިންޑިއާގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.