މިދިޔަ އެއް އަހަރު ތެރޭ ލިވަޕޫލުން ވަނީ 250 މިލިއަން ޕައުންޑް (ފަސް ބިލުއަން ރުފިޔާ) ހޭދަ ކޮށްފަ އެވެ. އެއީ ރެކޯޑް އަގުގައި އެޓީމަށް ސޮއި ކުރުވި ޑިފެންޑަރާއި ގޯލްކީޕަރު ހިމަނައިގެންނެވެ. އެ ޓީމުން ކުރަމުންދާ ބޮޑު ހޭދަ އާއެކު ވެސް ތައްޓަކާ ހަމަޔަށް ޓީމަށް ދެވިފައެއް ނެތެވެ. އެހެންވެ އެ ޓީމަށް އޮތް ފާޑު ކިޔުން ވަރަށްވެސް ބޮޑެވެ. ލީގް ކަޕްގެ ޗެމްޕިއަންކަން 2012 ވަނަ އަހަރު ހޯދިފަހުން ތައްޓެއްގައި އަތްލެވިފަ އެއް ނުވެ އެވެ.
މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގް ފައިނަލަށް ދަތުރު ކުރި އެވެ. އެއީ ދެ އަހަރު ފަހުން ބޮޑު ކާމިޔާބަކާ ހަމަޔަށް އެ ޓީމަށް ދަތުރު ފުރަތަމަ ފަހަރެވެ. ނަމަވެސް ރެއާލް މެޑްރިޑް އަތުން ބަލިވެ ތަށިގައި ބީހިލުމުގެ ފުރުސަތެއް ނުލިބުނެވެ. އޭގެ ދެ އަހަރު ކުރިން ޔޫރޮޕާ ލީގް ފައިނަލަށްވެސް ދަތުރު ކުރި އެވެ. އެ ޓީމު ބަލީވީ އާސެނަލްގެ މިހާރުގެ ކޯޗް އުނައި އެމެރީ އޭރު ކޯޗް ކޮށްދިން ސެވިއްޔާ އަތުންނެވެ.
ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ބުނީ ދެން ލިވަޕޫލަށް އޮތް މަރުހަލާއަކީ ތަށި ހޯދުން ކަމަށެވެ. އިނގިރޭސި ޕްރިމިއާ ލީގް ތާރަފު ކުރި ފަހުން އެ މުބާރާތް ކާމިޔާބު ނުކުރެވޭ މަޝްހޫރު ޓީމެއްގެ ގޮތުގައި ލިވަޕޫލް ހިމެނެ އެވެ.
"އަހަންނަށް އެނގޭ ލިވަޕޫލާ މެދު މީހުންގެ އުންމިދުތައް ހުންނާނެ ހިސާބު، އެއީ ހަމަ އާންމު ކަމެއް، އަހަރެމެންގެ އަޒުމު އޮތީ އެންމެ އުހުގައި 100 ޕަސަންޓް އަޒުމާ އެކު އަހަރެމެން މިތިބީ." ކްލޮޕް ބުންޏެވެ. ނަމަވެސް ތަށީ ހޯދޭނެ ކަމުގެ ގެރެންޓީއެއް އޭނާގެ އަތަކު ނެތެވެ.
"އަހަރެމެން ޓްރޮފީ ހޯދާ ވާހަކަ މީހުން ދައްކާނެ، އެއީ އަހަރެމެންގެ ދެން އޮތް ފިޔަވަޅަކީ، އަހަރެމެން އެބަޖެހޭ އެކަމަށް ތައްޔާރަށް ތިބެން،" އޭނާ ބުންޏެވެ. "އަހަންނަކަށް މިތާކު ގެރެންޓީއެއް ނުދެވޭނެ، ނަމަވެސް އަހަންނަށް އެނގޭ މީހުން އެކަމާ ވިސްނާނެ ކަން."
"އެންމެ ފުރަތަމަ ކަމަކަށްވެސް އަހަރެމެން އެބަޖެހޭ އަހަރެމެންނަށް ކާމިޔާބެއް ހޯދޭނެ ގޮތަށް ފުޓްބޯޅަ ކުޅެން، ވަކި ކާމިޔާބެއް ހޯދާނަމޭ ބުނާކަށް އަހަންނަކަށް ނޭންގެނެ ސިޒަން ފެށުމުގެ ކުރިންނެއް."
ކްލޮޕް ބުނީ މިދިޔަ ސީޒަންގައި އެކުލަބު ބިނާ ކުރި ބިންގާ މަތީގައި، މި އަންނަ ސީޒަންގައިވެސް ބިނާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި މިދިޔަ ސީޒަންގައި ހެފެހެއްޓި ހިސާބުގައި ހިފެހެއްޓުމަށް އިންވެސްޓް ކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ދެކެ އެވެ.
އޭނާ ބުނީ، ލިވަޕޫލް ވަރުގަދަ ކުރިޔަސް އެހެން ޓީމުތައް ވަކި ބަލި ވާނެ ކަމަށް ނިންމައިގެން ނުވާނެ ކަމަށެވެ.
"އެހެން ޓީމުތަކުންވެސް ޓްރާންސްފާގެ ބިޒްނަސް ކުރާނެ ކަން އެނގޭ، އެ ޓީމުތައް މިދިޔަ އަހަރަށް ވުރެ ބަލިކަށި ނުވާނެ،" ކްލޮޕް ބުންޏެވެ. "[މެންޗެސްޓާ] ސިޓީން ވަނީ ރިޔާދު މަހާރެޒް ގެނެސްފަ، އަހަރެން އަޑެއް ނާހަން އެ ޓީމުން އެއްވެސް ކުޅުންތެރިޔަކު ދޫކޮށްލި ވާހަކައެއް، މަހާރެޒް އިތުރުވީ، އެއީ އެ ޓީމުން ހެދި ރަނގަޅު ޕްލޭނެއް."