ދުނިޔެ

ލާއޯސްގެ ޑޭމެއް ހަލާކުވެ އެތައްހާސް ބަޔަކު ހާލުގައިޖެހިފައި

Jul 25, 2018

ލާއޯސް (ޖުލައި 24) - ލާއޯސްގެ ހަދަމުންދިޔަ ޑޭމެއް ހަލާކުވެ އެތައް އަވަށެއްގައި ފެންބޮޑުވުމުގެ ސަބަބުން، 20 މީހުން މަރުވެ އެތަކެއް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ އެވެ.

އެ ގައުމުގެ އަތަޕިއު ސަރަހައްދުގައި ގާއިމުކޮށް ތައިލެންޑް އަދި ދެކުނު ކޮރެއާގެ ކުންފުނިތަކަކުން ހިންގާ ހައިޑްރޯ އިލެކްޓްރިކް ޑޭމެއް ހަލާކުވެ، ފެންބޮޑުވުމުގެ ސަބަބުން 100 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ އިރު، އެމީހުން ހޯދުމުގެ މަސައްކަތް ބޯޓު ފަހަރާއި ހެލިކޮޕްޓަރުން ބޭނުން ކޮށްގެން ދަނީ ކުރަމުންނެވެ.

މިހާތަނަށް އެތަކެއް ހާސް ބައެއްގެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާއިރު، އެމީހުންނަށް ކާބޯ ތަކެއްޗާއި، ފެން އަދި އަންނައުނު ފޯރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކާއި އާންމުންގެ ކިބައިން އެ ގައުމުގެ ސަރުކާރުން ވަނީ އެދިފަ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، އެ ޑޭމު ހަލާކު ވިއިރު، އެތަނުގެ މަސައްކަތުގެ 90 ޕަސަންޓު ވަނީ ނިމިފަ އެވެ. އަދި އަންނަ އަހަރު އެ ޑޭމު ރަސްމީކޮށް އޮޕަރޭޓް ކުރަން ފަށާނެ ކަމަށް އެ ޑޭމް ހެދު ކުންފުނިތަކުން ވަނީ ބުނެފަ އެވެ.

އެ ހާދިސާ މެދުވެރިވި ސީދާ ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް، މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން، މަސައްކަތް މުޅިން ނުނިމޭ ޑޭމަށް އިތުރަށް ބާރު ބޮޑުވީ ކަމަށް ބެލެވެ އެވެ.