ބޭރު ކުޅިވަރު

އަޅުގަނޑަކީ ބްލެޓާ ނަމަ މިހާރު އިސްތިއުފާ ދީފިން: ޕްރިންސް އަލީ

Jun 2, 2015

ފީފާގެ ރައީސް ސެޕް ބްލެޓާގެ މަގާމުގައި ހުރެ އެ ބޭފުޅާ އަށް އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ތުހުމަތުތަކާ ކުރިމަތިލާން ޖެހިވަޑައިގެންފައިވާ ނަމަ ވަގުތުން އިސްތިއުފާ ދެއްވާފައި ފީފާއާ ދުރަށް ވަޑައިގަންނަވާނެ ކަމަށް، ނިމިގެން ދިޔަ ފީފާގެ ކޮންގްރެސްގައި ބްލެޓާއާ ވާދަކުރި އުރުދުންގެ ޕްރިންސް އަލީ ބިން އަލް ހުސެއިނީ ވިދާޅުވެއްޖެ އެވެ.

ރައީސް ކަމުގެ ރޭސް ދެ ވަނަ ބުރަކަށް ދިއުމުން ރޭހުން ނަން އަނބުރާ ގެންދެވި ޕްރިންސް އަލީ ސީއެންއެންގެ ކްރިސްޓީން އަމަންޕޯ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ފީފާ އަށް މިހާރު އަމާޒުވެފައިވާ ހުރިހާ ތުހުމަތުތަކެއްގެ މައްސަލަތަކެއް ފެންމަތިވެފައި ވަނީ ބްލެޓާގެ ވެރިކަމުގައި ކަމަށްވާއިރު އިންސާފަށް ލޯބިކުރާ ނަމަ ބްލެޓާ ފީފާއާ ދުރަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޒަމާނުއްސުރެ ބްލެޓާގެ ވެރިކަމުގައި ފީފާ އިން ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވެމުން ދަނިކޮށް މި މައްސަލަ އިތުރަށް ހޫނުކޮށްލާފައި ވަނީ ކޮންގްރެސްއާ ދިމާކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ފީފާގެ އޮފިޝަލުންތަކެއް ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރުމުންނެވެ.

"ޒިންމާ ވާން ޖެހޭ ފަރާތަކީ (ބްލެޓާ). އަޅުގަނޑު އުއްމީދުކުރަން ކޮންމެވެސް ހިސާބަކުން މި އަމަލުތަކަށް އެ ބޭފުޅާ ޒިންމާ ނަންގަވާނެ ކަމަށް. ސަބަބަކީ އެ ބޭފުޅާ އަކީ ދުނިޔޭގައި އެންމެ މަގްބޫލު ކުޅިވަރުގެ މައި އިދާރާގެ ވެރިޔަކަށް ހުންނެވި ފަރާތް،" އިންޓަވިއުގައި ޕްރިންސް އަލީ ވިދާޅުވެފައިވެ އެވެ.

މިފަދަ ފާޑުކިޔުންތަކެއް ފީފާ އަށާއި ބްލެޓާ އަށް އަމާޒުވެފައިވީ ނަމަވެސް އޭނާ ވަނީ ނިމިގެން ދިޔަ އިންތިހާބުގައި ވެސް ހުރިހާ ވާދަވެރިން ބަލިކޮށް، ފީފާގެ ބައްޕަ އަކީ އަދިވެސް އޭނާކަން ސާބިތުކޮށްދީފަ އެވެ. ރައީސް ކަމުގެ ފަސް ވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެން ބްލެޓާ ވިދާޅުވެފައި ވަނީ އޭނާއާ ދެކޮޅަށް ނަފުރަތުގެ ހުޅުގަނޑެއް ރޯކުރަމުން ގެންދަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ކަމަށާއި މިއީ މައާފްކުރެއްވިޔަސް ހަނދާން ނައްތޭލެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ބްލެޓާގެ ވެރިކަމާ ޖައްސާލައިގެން އުޅެނީ ކުރިއަށް އޮތް ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ރަޝިއާ އަށް އެ ފުރުސަތު ދިނުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށެވެ. މީގެ އިތުރުން ދެކުނު އެފްރިކާގައި ބޭއްވި މުބާރާތާއި ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ބިޑިން މަރުހަލާގައި ވެސް ފީފާ އިން ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.