ބޭރު ކުޅިވަރު

ޑިއެގޯ ކޯސްޓާ އެނބުރި އެތުލެޓިކޯއަށް ދަނީތަ؟

Jun 2, 2015

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ނިމުމަކަށް އައިސް ކުރިއަށް އޮތް ސީޒަނަށް ޓީމުތައް ވަރުގަދަ ކުރުމުގެ ކެމްޕޭން ފަށާފައިވާއިރު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން އެމީހުންގެ ކުރީގެ ފޯވާޑް ޑިއެގޯ ކޯސްޓާ އަލުން އެ ޓީމަށް ގެންދިއުމަށް ހިފާލާފައިވާ ކަމުގެ އަޑު ގަދަވެއްޖެ އެވެ.

އެތުލެޓިކޯއާ އެކު މިދިޔަ ސީޒަނުގައި ލަލީގާގެ ތަށި އުފުލާލުމަށް ފަހު އިނގިރޭސި ޕްރިމިއަ ލީގަށް ބަދަލުވެ ޗެލްސީއާ އެކު ލީގުގެ ތަށި އުފުލާލި ކޯސްޓާ ޗެލްސީ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރައިފަ އެވެ. މި އަޑުތަކެއް ގަދަވުމާ ގުޅިގެން އެންމެފަހުން ޗެލްސީ އަށް ވެސް ވަނީ މި މައްސަލާގައި ވާހަކަ ދައްކަން މަޖުބޫރުވެފަ އެވެ.

ޗެލްސީން ބުނަނީ ޓީމު ދޫކޮށްލުމުގެ ހިޔާލެއް ކޯސްޓާގެ ނެތް ކަމަށާއި އެތުލެޓިކޯ އަށް އޭނާ އަނބުރާ ގެންދަން ކުރާ ކޮންމެ މަސައްކަތެއް ވެސް ހުއްޓުވުމަށް ތައްޔާރަށް ތިބި ކަމަށެވެ.

ކޯސްޓާ ވަނީ ޗެލްސީއާ އެކު މޮޅު ކުޅުމެއް ދައްކައި މި ސީޒަނުގައި 20 ގޯލު ޗެލްސީ އަށް ކާމިޔާބުކޮށްދީފަ އެވެ. މިއީ އާންމުކޮށް ލަލީގާގައި އޭނާ ޖަހާ ގޯލުތަކަށް ވުރެ ދަށް އަދަދަކަށް ވީ ނަމަވެސް އިނގިރޭސި ލީގުގެ ފުރަތަމަ ތަޖުރިބާ އަށް ބަލާއިރު ވަރަށް ވެސް ރަނގަޅު އަދަދެކެވެ.

ޗެލްސީއާއެކު ސީޒަނުގެ ކުރީކޮޅު ކޯސްޓާގެ ނުރައްކާތެރިކަން އިދިކޮޅު ޓީމުތަކަށް ބޮޑުވެގެން ދިޔަ ނަމަވެސް ސީޒަނުގެ ފަހުކޮޅަށް އައިސް އޭނާ އަށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ގުޅިގެން އެދެވޭ ކުޅުމެއް ފަހުން ދެއްކިފައެއް ނުވެ އެވެ.

މީގެ އިތުރުން ކޯސްޓާ ސްޕެއިން ދޫކޮށް އިންގްލެންޑަށް ބަދަލުވުމާ ގުޅިގެން އޭނާގެ ޒާތީ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކަކީ ވެސް ޗެލްސީ އަށް ކުރިމަތިވެފައިވާ މައްސަލަ އެކެވެ. އެގޮތުން އިންގްލެންޑަށް ބަދަލުވުމާ ގުޅިގެން އޭނާގެ ލޯބިވެރިޔާއާ މައްސަލަ ޖެހުމާއި އިނގިރޭސި ބަހުގެ މައްސަލަ ވެސް ކޯސްޓާ އަށް ބޮޑު މައްސަލައަށް ވެފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.