ދުނިޔެ

ހެލިކޮޕްޓަރުގައި ޖަލުން ފިލި ގޭންގު ލީޑަރު ފުލުހުންނަށް އަތެއްނުވި

Jul 26, 2018

ޕެރިސް (ޖުލައި 25) - މިމަހު ކުރީކޮޅު ފްރާންސްގެ ވެރިރަށް ޕެރިސްގެ ސަރަހައްދެއްގައި ހުރި ޖަލަކުން، ހެލިކޮޕްޓަރެއްގައި ފިލި ބޮޑު ގޭންގް ލީޑަރު، ފެނިގެން ހައްޔަރުކުރަން އުޅެނިކޮށް، ފުލުހުންނަށް އަތުނުވެ ފިލައިފި އެވެ.

ނުރައްކާތެރި ކުށްވެރިއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރީޑުއާން ފާއިދު ފްރާންސްގެ ވެރިރަށް ޕެރިހުގައި އިތުރު ދެ މީހަކާއެކު ކާރެއްގައި އިންދާ ފުލުހުންނަށް ފެނިފައިވަނީ އަންގާރަ ދުވަހުގެ މެންދުރެވެ.

ނަމަވެސް، ފުލުހުންނަށް ހައްޔަރުކުރެވުމުގެ ކުރިން، އޭނާ ވަނީ ޝޮޕިންގް މޯލެއްގެ ޕާކިންގްއަކަށް ކާރު ދޫކޮށްލައި، ފައި މަގުގައި ފިލައިފަ އެވެ. އޭނާގެ ކާރު ތެރެއިން ޕްލާސްޓިކް ބޮމާއި، ފޭކު ލައިސެންސް ނަންބަރު ބޯޑުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިއީ ޖަލުން ފިލި ފަހުން ފާއިދު ފެނިފައިވާ ފުރަތަމަ ފަހަރެވެ.

ފާއިދު ހެލިކޮޕްޓަރެއްގައި ފިލާފައިވަނީ، ބަޑި ހިފައިގެން ތިބި ބަޔަކު ޖަލުގެ ދޮރާށި ކައިރިން ހަމަލާދިން ވަގުތު އެވެ. ބޮޑު ވައްކަމެއްގެ ތެރެއިން ހައްޔަރު ކޮށްފައިވާ ފާއިދު، 46 ދަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. ފާއިދު ހައްޔަރު ކުރި ވައްކަމުގެ ތެރެއިން ފުލުހެއް މަރުވެފައިވާ ކަމަށް ވެސްވެ އެވެ.

މިއީ ފާއިދު ޖަލުން ފިލި ދެވަނަ ފަހަރެވެ. މީގެ ކުރިން 2013 ވަނަ އަހަރު ފާއިދު ފިލާފައިވަނީ ހަތަރު ގާޑުން ރަހީނު ކުރުމަށްފަހު، ޑައިނަމައިޓް ބޭނު ކޮށްގެން ޖަލުގެ ދޮރުތައް ގޮއްވާލުމަށްފަހު އެވެ. ނަމަވެސް އޭގެ ހަ ހަފްތާ ފަހުން އޭނާ ވަނީ އަލުން ހައްޔަރުކޮށް އަނބުރާ ޖަލަށް ގެންގޮސްފަ އެވެ.

ފާއިދު ފިލާފައިވަނީ ޕެރިސްގެ އުތުރުން އޮންނަ ޖަލަށް ބަދަލު ކުރިތާ ބައިގަޑިއިރު ތެރޭގަ އެވެ. ބަޑި ހިފައިގެން ތިބި ބައެއްގެ އެހީގައި، ފާއިދު ފިލީ، ހެލިކޮޕްޓަރު ޖަލުގެ ގޯތި ތެރެއަށް ޖެއްސުމުންނެވެ. ފާއިދު ހޯދުމުގެ މަސައްކަތް ފްރާންސް ފުލުހުން ދަނީ ކުރަމުންނެވެ.

ފާއިދު އަކީ އެތަކެއް ބޮޑެތި ވައްކަންތަކުގެ ތުހުމަތު ކުރެވޭ މީހެކެވެ.