ފިނިޕޭޖް

ބައެއް ފިލްމުތައް ރިލީޒްކުރާ ތާރީހަށް ބަދަލުތަކެއް

އަހަރުގެ ފަހުކޮޅަށާއި އަންނަ އަހަރަށް ވަރަށް ޝައުގުވެރިވާނެ ފިލްމުތަކެއް ތާވަލުކުރެވިފައި އެބަހުއްޓެވެ. ބައެއް ފިލްމުތައް ގެނެސްދޭނެ ތާރީހު މިހާރު ޔަގީންވެފައި ވީނަމަވެސް، ރިލީޒްކުރާނެ ދުވަހެއް އަދި ޔަގީންނުވާ އެތައް ފިލްމެއް އެބަހުއްޓެވެ.

ބައެއް ފިލްމުތައް ރިލީޒްކުރުން އަވަސްކުރަމުން އަންނައިރު، އަނެއްބައި ފިލްމުތައް ގެނެސްދިނުން ދަނީ ފަސްކުރަމުންނެވެ. މި މަހު ވަނީ ކުރިއަށް ހުރި ބައެއް ފިލްމުތައް ގެނެސްދޭނެ ތާރީހު ކަށަވަރުކޮށްދީފަ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތައް ރިލީޒްކުރާ ތާރީހަށް ބަލާލާނަމެވެ.

އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ

"އޭކް ލަޅްކީ ކޯ ދޭކާ ތޯ އޭސާ ލަގާ" ގެ އޮފިޝަލް ޓްރެއިލާ.

އަންނަ އޮކްޓޯބަރު މަހު ހަތެއްގައި ރިލީޒްކުރަން އޮތް މި ފިލްމު މިހާރު ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. މި ފިލްމު ރިލީޒްކުރާނީ ފެބްރުއަރީ އެކެއް، 2019 ގަ އެވެ. މި ފިލްމަކީ ޝެލީ ޗޯޕްރާ ދަރް ޑައިރެކްޓުކުރާ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މުހިންމު ރޯލުތަކުން މި ފިލްމުގައި ފެނިގެންދާނީ އަނިލް ކަޕޫރްއާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރް އަހޫޖާ އާއި ޖޫހީ ޗާވްލާ، ރާޖްކުމާރް ރާއޯ، ރެޖީނާ ކެސެންޑްރާ އަދި މަދޫ މަލްތީ އެވެ.

މަންމަރްޒިޔާން

އަނޫރާޖް ކަޝްޔަޕް ޑައިރެކްޓުކުރާ މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ ސެޕްޓެމްބަރު 21 ގަ އެވެ. މިހާރު ވަނީ މި ފިލްމު ސެޕްޓެމްބަރު 14 އަށް އަވަސްކޮށްފަ އެވެ. އަބީޝޭކް ބައްޗަން، ވިކީ ކޯޝަލް އަދި ތާޕްސީ ޕަންނޫ ލީޑުން ފެނިގެންދާ މި ފިލްމީ މި އަހަރު އެންމެ އިންތިޒާރުކުރެވޭ ފިލްމުތަކުގެ ލިސްޓުގެ ކުރީގައި އޮތް ފިލްމެކެވެ. މި ފިލްމު ސިނަމާތަކާއި ހަމައަށް މި އަންނަނީވެސް ގިނަ މައްސަލަތަކެއް ޖެހުމަށްފަހު އެވެ.

ހެލިކޮޕްޓަރް އީލަ

މިއީ 2015 ގެ ފަހުން ކުޅަދާނަ ބަތަލާ ކާޖޮލް ފެނިގެންދާނެ ބޮލީވުޑްގެ ފިލްމެވެ. މި ފިލްމު ރިލީޒްކުރާ ގޮތަށް ކުރިން ނިންމާފައި އޮތީ އަންނަ ސެޕްޓެމްބަރު މަހު 14 ގަ އެވެ. ނަމަވެސް މިހާރު ވަނީ ފިލްމު ރިލީޒްކުރާ ތާރީހު އަންނަ ސެޕްޓެމްބަރު މަހު ހަތަކަށް އަވަސްކޮށްފަ އެވެ. ޕްރަދީޕް ސަރްކާރް ޑައިރެކްޓުކުރާ މި ފިލްމުގައި ކާޖޮލްއާއެކު ލީޑުން ފެނިގެންދާނީ ގައުމީ އެވޯޑު ހޯދާފައިވާ އެކްޓަރު ރިދީ ސެން އެެވެ.

ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް

ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ކުއެންޓިން ޓެރެންޓީނޯގެ އެންމެފަހުގެ ޑައިރެކްޝަނަށް ވާނެކަމަށް ބުނާ މި ފިލްމަށް ކުރެވޭ އިންތިޒާރު ބޮޑެވެ. ފިލްމުގެ ކާސްޓުގައި މަޝްހޫރު އެކްޓަރުން ކަމަށްވާ ލިއޮނާޑޯ ޑިކެޕްރިއޯ އާއި ބްރެޑް ޕިޓް ހިމެނެ އެވެ. ސޮނީ ޕިކްޗާޒް އަށް ޑިސްޓްރިބިއުޝަން ރައިޓްސް ލިބިފައިވާ މި ފިލްމަކީ 1969 ވަނަ އަހަރު ހިނގި ހޮލީވުޑް ކޮމިއުނިޓީއެއް ކަމަށްވާ މެންޝަން ފެމެލީ މާޑާ ކޭސް އާއި ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. އަންނަ އަހަރު އޮގަސްޓު 19 ގައި ރިލީޒްކުރަން ތާވަލުކުރި މި ފިލްމު މިހާރު ވަނީ ރިލީޒްކުރުން އަވަސްކޮށްފަ އެވެ. މި ފިލްމު ސްކްރީނަށް ގެންނާނީ ޖުލައި 26، 2019 ގަ އެވެ.