މިނިވަން 50ގެ ހަރަކާތްތަކާ ގުޅުވައިގެން ސޮކާ ވެޓްރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބާއްވާ އިންޑިޕެންޑަސް ގޯލްޑަން ޖުބްލީ ގްލޯބަލް ވެޓްރަންސް ފުޓްބޯޅަ މުބާރާތް މާދަމާ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ފަށާނެ އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގުވާމީ ވެޓްރަންސް މުބާރާތުގައި ޖުމްލަ ހަ ގައުމެއްގެ ޓީމުތައް ވާދަކުރާނެ އެވެ. މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ރާއްޖެ އާއި ސިންގަޕޫރް އަދި އިންޑޮނޭޝިއާ އެވެ. ގުރޫޕް ބީގައި އޮތީ އިންޑިއާ އާއި ބުރުނާއީ އަދި މެލޭޝިއާ އެވެ.
މި މުބާރާތުގެ މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ރާއްޖެ އާއި މެލޭޝިއާ އެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ގައުމީ ޓީމުގެ ކުރީގެ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ މުހައްމަދު ކަލީމާއި އިބްރާހިމް ރަޝީދު (އަންދަރޭ) އާއި މުހައްމަދު ޖަމީލް (ޖަމްބޭ) އާއި ޝާހު އިސްމާއިލް (ސާޔާ) އާއި މޫސާ މަނިކް (ކުޑަ މޫސަ) އަދި އިސްމާއިލް އާސިފް (ކުޑަ ހީނާ) ހިމެނެ އެވެ.
މި މުބާރާތުގެ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ހުރިހާ މެޗެއް އެއްކޮށެވެ. ސިޑި ބަރީގެ ޓިކެޓު 90ރ. އަށް، އަދި ގޮނޑިބަރީގެ ޓިކެޓު ވިއްކަނީ 135ރ އާއި 180ރ އަށެވެ. މެޗުގެ ޓިކެޓު ގަލޮޅު ދަނޑުގެ އިތުރުން، ޗީބޯ އާއި ކޭން މަޓާއި ނަލަހިޔާ އާއި ފޯތު ސެންސް އާއި ސީ ހައުސް އާއި ހުޅުމާލޭ ރަވިންސް އަދި މެރީނާ ބޭ ކެފޭ އިން ވިއްކާނެ އެވެ.