ހަބަރު

އިބޫގެ ސުވާލެއް ރައީސްއަށް: 25 ބުރީގެ އިމާރާތް އަގު ބޮޑުވި ސަބަބު ބުނެދީ

އައިޖީއެމްއެޗް ކަިއރީގައި އަޅާ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރަމުން ދަނީ ނުއަގުގަ ކަމަށާއި އެކަމަށް ދިޔަ ހަރަދު އިންތިހާއަށް ބޮޑުވި ސަބަބު ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ސާފުކޮށްދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ މިއަދު ވިދާޅުވެއްޖެ އެވެ.

ރޭ ރައީސް ޔަމީން އިބޫއަށް ފާޑުވިދާޅުވެ ސުވާލުތަކެއް ކުރިމަތިކުރައްވާފައިވަނިކޮށް މިއަދު ހެނދުނު ބ. ކުޑަރިކިއްޔަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން އިބޫ ވިދާޅުވީ، 25 ބުރީގެ އިމާރަތް އެޅުމަށް 142 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށާއި އަނެއްކާ އޭގެ އިތުރަށް އެ އިމާރާތަށް ފަރުނީޗަރު ފަދަ ތަކެތި ގަތުމަށް މި އަހަރުގެ ބަޖެޓްގައި 80 މިލިއަން ޑޮލަރު ހަރަދުކުރަން ހިމަނާފައިވާކަން އިބޫ ފާހަގަކުރެއްވި އެވެ.

"މިއަދު އަޅުގަނޑު ކުރަން ބޭނުންވާ ސުވާލަކީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރަތް 54 މިލިއަން ޑޮލަރަށް ބަޔަކު އަޅައިދޭން ތިއްބާ 142 މިލިއަން ޑޮލަރަށް ސަރުކާރުން އެބަޔަކަށް އެ ބިޑް ދިނީ ކީއްވެގެންތޯ، މިއީ ރައްޔިތުން އޮޅުން ފިލުވަން ބޭނުންވާ ކަމެއް،" އިބޫ ވިދާޅުވި އެވެ.

"ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުން ބޭނުމެއް ނުވާނެއޭ ފައިސާ ހަރަދުވި ވަރެއް، ރައްޔިތުން ބޭނުން ވާނީ އިމާރާތޭ އަޅަން، ނޫން އެހެނެއް ނޫން، ދިވެހިން ބޭނުންވޭ އެމީހުންގެ ޓެކްސް ފައިސާއަށް ހަދާ ގޮތް ބަލަން،"

އެ މަޝްރޫއު މި ސަރުކާރުން ނުއަގުގައި ހިންގާ މައްސަލަ އިދިކޮޅުގެ ސަރުކާރެއްގައި ބަލާނެ ކަމަށާއި އެކުމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވައި އޭގެ ހަމަ އަގު ހޯދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހިންގާ މަޝްރޫއުތައް އޭގެ ހަމަ އަގުގައި ކުރާނަމަ އިތުރު ކަންކަން ކުރުމަށް ފައިސާ ދައުލަތުގައި ހުންނާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، ގައުމުގެ ހަމަނުޖެހުން ގެއްލިގެން ދަނީ އިންސާފު ނެތުމުން ކަމަށެވެ. ޝަރުއީ ކޯޓުތަކަށް ރައްޔިތުންނަށް އިތުބާރު ނުކުރެވޭތީ ކަމަށެވެ. އެހެންވެ، ޝަރުއީ ދާއިރާއަށް އަލުން ރައްޔިތުންގެ އިތުބާރު ހޯދުމަށް ގާނޫނު އަސާސީއަށް އިސްލާހުތަކެއް ގެންނަންޖެހޭކަން އިބޫ ފާހަގަކުރެއްވި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީ މިހާރު އޮތް ގޮތަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލު ކުރަންޖެހޭ ކަމަށެވެ.

"އޭގެ އިތުރުން އެއް ކޯޓުން އަނެއް ކޯޓަށް ބާރު ނުފޯރުވާ މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ބާރު އަޅުގަނޑުމެން ގާނޫނު އަސާސީއިން ދިނިން، އެހެންނަމަވެސް ގާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއެކު ބާރުތައް އެއް ތަނަކަށް ޖަމާކޮށް ސުޕްރީމް ކޯޓުން މިހާރު ވަނީ ބާރު ފޯރުވަން ފަށާފަ، އެހެންވެ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ކޯޓުތަކަށް މިނިވަންކަން ދޭނަން،" އިބޫ ވިދާޅުވި އެވެ.

މިއަދު މެންދުރު ބ. ކަމަދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވަމުން އިބޫ ވިދާޅުވީ، މަސައްކަތްތެރިންގެ ހައްގުތަކަކީ އިދިކޮޅުގެ ސަރުކާރެއްގައި އިސްކަން ދޭނެ ކަމެއް ކަމަށެވެ. ދިވެހިންނަށް ވަޒީފާ އިތުރުކުރުމަށް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ގިނަ، އޭގެ ސަބަބުން ދިވެހިންނަށް ވަޒީފާތައް އެބަ ގެއްލެމުންދާ ކަމަށެވެ. އެހެންވެ އިމިގްރޭޝަންގެ ދަށުގައި އޮތް މީހުން ރާއްޖެ އެތެރެ ކުރުމުގެ ބާރު ނަގައި އެކަމަށް ހަރުދަނާ އިންތިޒާމްތަކެއް ހަމަޖައްސަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އެ ދެ ރަށުގައި ވެސް އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރާއްޖެ ޖަޒީރާކަން މަތީ ބާއްވައިގެން ތަރައްގީކުރުމަށް ކަމަށް ވިދާޅުވެފަ އެވެ. ކައުންސިލްތަކަށް ބާރުތައް ދީގެން ރަށްތަކުގެ ތަރައްގީ ހަލުވި ސްޕީޑްގައި ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.

އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި މި ސަރުކާރުގެ އަނިޔާވެރިކަމަށް ރައްޔިތުން ނޫނެކޭ ބުނަން ކެތްމަދުވެފައިވާ ކަމަށެވެ. ކިތަންމެ ވަރަކަށް ވޯޓު އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް އެންމެންގެ ލޯކުރިމަތީގައި އެކަން ނުކުރެވޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.